ރ.އަނގޯޅިތީމުން ކުރީގެ ބިނާއެއް ފެނުން (27 މެއި 2009)


ރ.އަނގޮޅިތީމުގެ ގެއެއްގައި މަސައްކަތެއް ކުރަނިކޮށް ރާއްޖެ އިސްލާމުވުމުގެ ކުރީގެ އަސަރުތައް ހުރި ބިނާއެއް ވަނީ ފެނިފައެވެ. ވައްކޮށް ހިރިގަލުން ހަދާފައިވާ ތަރަހައެއްގެ މަތީގައި ބެހެއްޓިފައިވާ ވޯޓިވް އިސްތޫޕާއެއްކަމަށް ބެލެވޭ މި ބިނާޔާ ގާތްގަނޑަކަށް 50 އަކަށް ފޫޓް ދުރުގައި ވެވެއްކަމަށް ފާހަގަކުރެވޭ ސަރަޙައްދެއް ވާކަމަށްވެސް ޚަބަރު ލިބިފައިވެއެވެ. އަދި ހަމަ މިގެއިން ތަންކޮޅެއް ކުރިން ބިމު އަޑީގައި ހަދާފައިވާ އާސާރީ ސަރަޙައްދެއްވެސް ފެނިފައިވާކަމަށް ރަށުން މަޢުލޫމާތު ދެއްވިއެވެ. މިކަމާއި ބެހޭ އިތުރު ދިރާސާތައް ދަނީ ކުރެވެމުންނެވެ. އަދި ކުރެވޭ ދިރާސާތައް ވީ ވަރަކުން ޚަބަރު ފަތުރާ ފަރާތްތަކަށް ހާމަކުރާނެވާހަކަވެސް ދެންނެވީމެވެ.



ސާކް ކަލްޗަރަލް ސެންޓަރގެ ގަވަނިންގް ބޯޑުގެ ފުރަތަމަ ބައްދަލުވުމުގެ ބައިވެރިވެވަޑައިގެންނެވުމަށް މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ނާއިބު ފުރާވަޑައިގެންފި. (5 އޭޕްރީލް 2009)


ޝްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި މި އޭޕްރީލް މަހުގެ 6 ން 7 އަށް ބޭއްވޭ ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން ސާކް ކަލްޗަރަލް ސެންޓަރގެ ގަވަނިންގް ބޯޑުގެ ފުރަތަމަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ނައިބު އަލްފާޟިލް މުޙައްމަދު ޠާރިޤް މިއަދު ފުރާވަޑައިގެންފިއެވެ. ކަލްޗަރަލް ސެންޓަރ ގަވަރނިންގ ބޯޑަށް ރާއްޖެއިން ކަޑައަޅާފައި ހުންނަވާ މެމްބަރެއްގެ ގޮތުން އެމަނިކުފާނު މި ބައްދަލުވުމުގައި، ސާކް ޤައުމުތަކުގެ މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ސާކް ސަރަޙައްދުގެ ޤައުމުތަކުގައި ޙިއްޞާ ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރުމާއި މިސަރަޙައްދުގެ އާދަ ކާދައާއި ސަގާފަތާ ބެހޭ މަޢުލޫމާތު ޙިއްޞާ ކުރާނެ ގޮތަކާއި މެދު މަޝްވަރާ ކުރެވޭނެއެވެ. މި ބައްދަލުވުމުގައި ސާކް ކަލްޗަރަލް ސެންޓަރުގެ ދެހާސް ދިހަ ވަނަ އަހަރުގެ ބަޖެޓް ފާސް ކުރުންވެސް އޮންނާނެއެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެސިސްޓެންޓް އާކިޓެކްޗަރަލް ޓެކްނީޝަން އަލްފާޟިލާ ޒަހާ އަޙްމަދު ބައިވެރިވެލެއްވިއެވެ. މި ބޭފުޅުން އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި އޭޕްރީލް މަހުގެ 9 ވަނަ ދުވަހުއެވެ.

ސާކް ގެ ކަލްޗަރަލް ސެންޓަރަކީ ދެހާސް ފަސް ވަނަ އަހަރު އަވަށްޓެރި ސްރީލަންކާއިން ހުށަހެޅި ޚިޔާލަކާއި ގުޅިގެން އުފެދިފައިވާ ސެންޓަރެކެވެ.




ޖަމާލުއްދީން ސްކޫލް ކުދިންނަށް އާސާރީ ތަންތަނާބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި (16 ފެބުރުއަރީ 2009)


ޖަމާލުއްދީން ސްކޫލްގެ އެދިލެއްވުމަކަށް އެ ސްކޫލުގެ ގްރޭޑް 7 ގެ ދަރިވަރުންނަށް އާސާރީ ތަންތަނާބެހޭ މަޢުލޫމާތި ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމް ހިންގީ 17 ފެބްރުއަރީ 2009 ވަނަ ދުވަހުއެވެ. މި ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް މި މަރުކަޒުން ވަޑައިގަތީ މި މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޠަލާލެވެ.