National Centre for Linguistic and Historical Research

ރާއްޖޭގައި އަލަށް ޢިމާރާތްކުރާ ދާރުލްއާސާރަކީ މި ސަރަޙައްދުގެ އެންމެ ފެންވަރު ރަނގަޅު ދާރުލްއާސާރަށް ވެގެންދާނެކަމުގެ އުއްމީދުކުރައްވާކަމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް ވިދާޅުވެއްޖެ.
(12 ނޮވެމްބަރ 2007 – އަންގާރަ)

އަލަށް ޢިމާރާތް ކުރެއްވުމަށް މިއަދު ބިންގާ އެޅުއްވި ދާރުލްއާސާރާ ބެހޭގޮތުން ޓީވީ މޯލްޑިވްސްއަށް ދެއްވި ބަސްދީގަތުމެއްގައި މަރުކަޒުގެ ރައީސް އަލްފާޟިލް ޢައްބާސް އިބްރާހީމް ވިދާޅުވީ ރާއްޖެއަކީ ވަރަށް ފަހުން ތަރައްޤީވާން ފަށާފައިވާ ޤައުމަކަށްވާއިރު، ވަރަށް ގިނަ ކަންތައްތަކަކީ މުޅިން އަލަށް ތަޢާރުފުވާ ކަންތައްތަކެއް ކަމަށާއި އެހެންކަމުން އަލަށް ހުޅުވާ ދާރުލްއާސާރުން ވަރަށް ގިނަ ފުރަތަމަ ތަކެއްވެސް ފެންނަން ހުންނާނެ ކަމުގައެވެ.

ޢައްބާސް އިބްރާހީމް ވިދާޅުވީ، ދިވެހިރާއްޖޭގެ ދާރުލްއާސާރު އެންމެ ފުރަތަމަ ހުޅުވި ދުވަހު އޭރުގެ ވަޒީރުލް އަޢުޡަމް މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވިދާޅުވެފައިވަނީ ދާރުލްއާސާރުގައި ހުރި ތަކެތީގެ ތެރެއިން ބޮޑުތަކުރުފާނާއި، ދޮންބަންޑާރައިން ފަދަ ބޭފުޅުން ގެންގުޅުއްވި ތަކެތި މީހުންނަށް ފެނިގެން ދިޔުމަކީ ދިވެހި ރައްޔިތުންގެ ހިތުގައި ޙުއްބުލްވަތަންގެ ރޫޙާއި ޤައުމީ ލޯބި އުފެދުމުގެ ސަބަބަކަށް ވެގެން ދިޔުމަކީ އެދިވަޑައިގަންނަވާ ކަމެއްކަމަށެވެ.

ޗައިނާ ސަރުކާރުގެ އެހީގައި އެޅުމަށް ހަމަޖެހިފައިވާ އާ ޤައުމީ ދާރުލްއާސާރުގައި ހިމެނެނީ ދެ ޢިމާރާތެކެވެ. އެއީ ބިލްޑިންގ އޭ އާއި ބިލްޑިންގ ބީ އެވެ. ބިލްޑިންގ އޭ އާރާސްތު ކުރެވެނީ ސަލްޓަންޕާކުގެ އިރުމަތީ ފަރާތުގައެވެ. ބިލްޑިންގް ބީ ޢިމާރާތް ކުރެވެނީ ސަލްޓަން ޕާކުގެ ހުޅަނގުފަރާތުގައެވެ.