National Centre for Linguistic and Historical Research

ރައީސުލްޖުމްހޫރިއްޔާ، ޤައުމީ ދާރުލްއާސާރުގެ އައު ޢިމާރާތުގެ ބިންގާ މިއަދު އަޅުއްވާދެއްވައިފި.
(12 ނޮވެމްބަރ 2007 – އަންގާރަ)

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ޤައުމީ ދާރުލްއާސާރުގެ އައު ޢިމާރާތުގެ ބިންގާ، މިއަދު އަޅުއްވައިދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ސަލްޓަންޕާކުގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދާރުލްއާސާރެއް ބިނާކުރެއްވުމުގެ މަސައްކަތަކީ، ސަރުކާރުން ވަރަށް ކުރިއްސުރެ ފެށްޓެވި މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އަދި މި ދާރުލްއާސާރު މި ބިނާކުރެވެނީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކަމަށް ވުމާއެކު، މި ދާރުލްއާސާރު ބިނާކޮށްދެއްވުމަށް ނިންމެވި ކަމަށްޓަކައި، ޗައިނާގެ ރައީސް މިސްޓަރ ހޫ ޖިންޓާއޯ އަށާއި، ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގައި ވަރަށް ދީލަތިކަމާއެކު ޙިއްޞާވަމުން އަންނަ ޤައުމެއް ކަމަށް ވިދާޅުވެ، މި ވޭތުވެދިޔަ ތާނގައި، ޗައިނާ ސަރުކާރުން ރާއްޖެއަށް ތަފާތު އެތައް އެހީތަކެއް ވެދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޤައުމީ ދާރުލްއާސާރަކީ، ޤައުމީ ޙައިސިއްޔަތުން ބަލާއިރު، ވަރަށްބޮޑު އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށާއި، މިއީ ޤައުމުގެ މުއްސަނދި ތާރީޚީ ތަރިކަ ދައްކައިދޭ، ޤައުމުގެ ފަޚުރުވެރި ތާރީޚުން ފަހުގެ ޖީލުތަކަށް، ޤައުމީ ފަޚުރުވެރިކަމުގެ ޝުޢޫރުތައް ގެނެސްދޭ ތަނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޕޯޗުގަލަށް ކުރެއްވި ދަތުރުފުޅަށް ބައްލަވާލައްވަމުން، ޕޯޗުގަލަކީވެސް ތާރީޚީ އާސާރީ މަރުކަޒުތަކެއް ހުރި ތަނެއް ކަމަށާއި، އާސާރީ އަދި ތާރީޚީ ތަރިކަ ރައްކައުތެރި ކުރުމަކީ، ކޮންމެ ޤައުމަކުންވެސް ވަރަށްބޮޑު ސަމާލުކަމެއްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ފަތުރުވެރިކަން ފުޅާވަމުންދާއިރު، ރާއްޖޭގެ އަތޮޅުތަކުގައިވެސް އާސާރީ ތަރިކަ ދައްކައިދޭ ތަންތަން ހުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި، ރާއްޖޭގެ ބައެއް އަތޮޅުތަކަކީ އާސާރީ ގޮތުން ބަލާއިރު ވަރަށް މުއްސަނދި އަތޮޅުތަކެއް ކަމަށް ވިދާޅުވިއެވެ. އަދި މިކަމާ ދޭތެރޭގައި ސަރުކާރުން ވިސްނާ ވަޑައިގަންނަވަމުން ގެންދަވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޔޭ ޑާބޯ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި ވަނީ ވަރަށް ޒަމާންވީ ތާރީޚީ ގުޅުމެއް ކަމަށާއި، ޗައިނާ ސަރުކާރުގެ އެހީގައި މި ޢިމާރާތް ކުރެވޭ ދާރުލްއާސާރު ވެގެންދާނީވެސް، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ވަރަށް ރަނގަޅަށް ރަމްޒުކޮށްދޭ ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. ސަފީރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ޤައުމީ ތަރައްޤީއަށް، ޗައިނާ ސަރުކާރުން ވެދެއްވާފައިވާ އަދި ވެދެއްވަމުން ގެންދަވާ އެހީތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ.

މަރްޙަބާ ދެންނެވުމުގެ ގޮތުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް އަލްފާޟިލް ޢައްބާސް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިކަން އެއީ، ރާއްޖޭގެ މުއްސަނދި އާސާރީ ތަރިކަ ރައްކައުތެރި ކުރެއްވުމަށް، އެ މަނިކުފާނު ދެއްވާ ސަމާލުކަން ހާމަވެގެންދާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ދާރުލްއާސާރުގެ އައު ޢިމާރާތް ބިނާކުރެވޭ ތަނަކީ، ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުން އައި ރަސްކަމުގެ ތަޚުތު، އެ ބިމެއްގައި ހުރި ތަންކަން އެ މަނިކުފާނު ބަޔާން ކުރެއްވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގެ ޘަޤާފީ ތަރިކަ ރައްކައުތެރި ކުރެއްވުމަށް، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޤައުމީ ދާރުލްއާސާރުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު، އެ މަރުކަޒާއި، އެ މަރުކަޒުގައި ހުންނާނެ ތަންތަން ހިމެނޭ ކުރެހުން ބައްލަވާލެއްވިއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި ޢިމާރާތް ކުރާ މި ޤައުމީ ދާރުލްއާސާރަށް ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން މަޢުލޫމާތު ދެއްވައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޤައުމީ ދާރުލްއާސާރުގެ އައު ޢިމާރާތުގެ ބިންގާ މިއަދު އަޅުއްވައިދެއްވި ރަސްމިއްޔާތުގެ ތެރެއިން
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް އަލްފާޟިލް ޢައްބާސް އިބްރާހީމް މަރުޙަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަނީ


ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޔޭ ޑާބޯ ވާހަކަފުޅު ދައްކަވަނީ

މި ރަސްމިއަޔާތުގައ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ޖަލްސާއާ މުޚާޠަބު ކުރައްވަނީ

ދާރުލް އާސާރުގެ އާ ޢިމާރާތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައި ދެއްވަނީ