National Centre for Linguistic and Historical Research

ލިޔުންތެރިންގެ ފޮތްމަޢުރަޒު 2007

ލިޔުންތެރިންގެ ދުވަހާއި ގުޅުވައިގެން ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން އިންތިޒާމްކޮށްގެން ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި މި ޖުލައި 9 އިން 14 އަށް ކުރިޔަށްދާ ލިޔުންތެރީންގެ ފޮތް މަޢުރަޒުގައި ސަރުކާރުގެ އޮފީސްތަކުންނާއި ބުކްޝޮޕްތަކުންނާއި ފޮތް ލިޔުއްވާ ފަރާތްތަކުންނާއި ޗާޕްކުރާ ފަރާތްތަކުންނާއިއެކު މުޅި ޖުމްލަ 19 ފަރާތަކުންވަނީ ބައިވެރިވެފައެވެ. މަޢުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ މެންދުރު 2:00 ން އިރުއޮއްސި 6:00 އަށެވެ. އަދި ރޭގަނޑު 8:30 ން 11:00 އަށެވެ. ނަމަވެސް 2007 ޖުލައި 13 ވާ ހުކުރު ދުވަހު މަޢުރަޒު ހުޅުވޭނީ ހަވީރު 4:00 ގައިއެވެ.

މި އަހަރު ލިޔުންތެރީންގެ ފޮތް މަޢުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ މަޢުރަޒަށް އަލަށް ނެރުއްވާ ފޮތްތައް ލިޔުއްވި ބޭބޭފުޅުން އެ ފޮތްތައް ނެރެދެއްވުމާއިއެކުގައެވެ. އެ ގޮތުން އަލަށް ނެރުނު ފޮތްތަކަކީ އަލްފާޟިލާ އާމިނަތު ފާއިޒާ ނެރުއްވި "ފާހަގަކުރެވުނު ފަސް ޅެން" ފޮތާއި "ޑޭޒީ 1" ގެ ނަމުގައި ހައްދަވާފައިވާ "ލަވަ ސީޑީގައި ހިމެނޭ ލަވަތައް " މި ނަން ކިޔަ ފޮތާއި، ޑޮކްޓަރ މުސްޠަފާ ލުތުފީގެ " ކެމްޕެއިން "މި ފޮތާއި، އަލްފާޟިލް ޢަބްދުﷲ ޞާދިޤުގެ "ހަލީސާ" މި ފޮތާއި، އަލްފަޟިލާ ޖުވޭރިޔާ ވަޖުދީގެ " ޟިއްޙީ ކާނާ" މި ފޮތާއި، އަލްފާޟިލް އަޙްމަދު ޢަބްދުﷲ ގެ "އެދުރުގެ" މިނަމުގައި 4 ސީޑީއާއި، އަލްފާޟިލް އަޙްމަދު ނަޖީބުގެ "ހދ. އަތޮޅު ތަރައްޤީވުމުގެ ސިއްރަކީ ކޮބާ؟" ، "މުތުގެމުތް" ، "ކޮށްކޮމެންގެ މާ" ( 2 ވަނަ ޢަދަދުން ފެށިގެން 6 ވަނަ ޢަދަދާ ހަމައަށް) މި ފޮތްތަކެވެ.

މި އަހަރުގެ މަޢުރަޒުގައިވެސް ކުޑަކުދީންނަށް ޚާއްސަކުރެވިގެން "ކުޑަކުދީންގެ އަށި" ގެ ނަމުގައި އަށްޓެއް ތައްޔާރުކުރެވިފައިވެއެވެ. މި އަށީގެ ހަރަކާތްތަކުގެ ތެރޭގައި ކުރެހުމާއި ކުލަޖެއްސުމާއި ވާހަކަ ކިޔުމާ ވާހަކަ އަޑުއެހުމާއި އެކްޓް ކުރުން ހިމެނެއެވެ. މި އަށްޓަށް ކުޑަކުދީންގެ ވަރަށްބޮޑު ތަރުހީބެއް ލިބެމުންދެއެވެ.

މަޢުރަޒަށް 2007 ޖުލައި 11 ވަނަ ދުވަހުގެ ނިޔަލަށް ތިން ހާސް ފަސްސަތޭކައަށްވުރެ ގިނަ މީހުން ވަނީ ޒިޔަރަތްކޮށްފައެވެ. އެ ގޮތުން ޒިޔާރަތްކުރި ފަރާތްތަކުގެ ތެރޭގައި ކުޑަކުދީންނާއި އިސްކޫލް ކުދީނާއި ގިނަ ޢަދަދެއްގެ ޢާންމު ފަރާތްތައް ހިމެނެއެވެ.


ފޮތްމަޢުރަޒު 2007 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފޮތްމަޢުރަޒު 2007 ގެ ތެރެއިން