ހދ. ވައިކަރަދޫގެ ތާރީޚާ ބެހޭ ގޮތުން ތައްޔާރުކުރައްވައިފައިވާ ސީ.ޑީ. އެއް
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒަށް ހަދިޔާކޮށްފި
(4 ފެބުރުއަރީ 2009)
ހދ. ވައިކަރަދޫގެ ތާރީޚާ ބެހޭ ގޮތުން ތައްޔާރުކުރައްވައިފައިވާ ސީ.ޑީ. އެއް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒަށް ހަދިޔާކޮށްފިއެވެ. 4 ފެބްރުވަރީ 2009 ވީ ބުދަ ދުވަހު ހެނދުނު ޤައުމީ މަރުކަޒުގައި އޮތް ރަސްމިއްޔާތުގައި މި ސީ.ޑީ. އާއި ޙަވާލުވެވަޑައިގެންނެވީ ޤައުމީ މަރުކަޒު ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ ނާއިބު އަލްފާޟިލް މުޙައްމަދު ޠާރިޤެވެ.
"ތުންތުންމަތިން ވައިކަރަދޫގެ ތާރީޚު" ގެ ނަމުގައި ތައްޔާރުކުރައްވައިފައިވާ މި ސީ.ޑީ. އާ ބެހޭ ގޮތުން މި ޙަފްލާގައި ވާހަކަފުޅުދެއްކެވި ވައިކަރަދޫގެ ޒުވާނަކު ވިދާޅުވީ، މި ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގައި ދުވަސްވީ ބޭފުޅުންގެ ޚިޔާލުފުޅާއި، ތާރީޚު ދިރާސާކުރައްވާ ބޭފުޅުންގެ މަޝްވަރާ ވެސް ހޯއްދަވައިފައިވާ ކަމަށެވެ. އަދި މިއީ ހަފްތާއެއްގެ މަސައްކަތުން ތައްޔާރުކުރައްވައިފައިވާ ޑޮކިއުމެންޓްރީއެއް ކަމަށް ވެސް އެ ފަރާތުން ހާމަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ ނާއިބު އަލްފާޟިލް މުޙައްމަދު ޠާރިޤު ވިދާޅުވީ، ޤައުމީ މަރުކަޒުގެ ޤާނޫނީ މަސްޢޫލިއްޔަތަކީ ރާއްޖޭގެ ތާރީޚު ރައްކާކޮށް އަންނަން އޮތް ޖީލުތަކަށް ގެނެސްދިނުން ކަމަށާއި އެ ގޮތުން ތާރީޚީ، އާސާރީ ތަކެތި ރައްކާތެރިކޮށް ދެމެހެއްޓުން ވެސް އެ މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ސީ.ޑީ. އެއް ހަދިޔާކުރެއްވީތީ، މި ސީ.ޑީ. ތައްޔާރުކުރެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.