ދިވެހިބަހާއި ތާރިޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ހިންގެވުމާ އަލްފާޟިލް މުޙައްމަދު ޠާރިޤް ޙަވާލުވެވަޑައިގަތުމަށްފަހު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅު - (27 ޖަނަވަރީ 2009)

މި މަހުގެ 23 ން 25 އަށް ހއ. އަތޮޅަށް މި މަރުކަޒުގެ ފަރާތުން ވަނީ ދަތުރެއް ކޮށްފައެވެ. މި ދަތުރުގައި މި މަރުކަޒުގެ ފަރާތުން ވަޑައިގެންނެވި ބޭފުޅުންނަކީ :-

1- އަލްފާޟިލް މުޙައްމަދު ޠާރިޤް – މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ގެ ނައިބު
2- އަލްފާޟިލް މުޙައްމަދު ވަޙީދު – ޚާއްޞަ މުޝީރު
3- އަލްފާޟިލާ ނަސީމާ އަޙްމަދު – ޑިރެކްޓަރ ޖެނެރަލް
4- އަލްފާޟިލް އަޙްމަދު ޠަލާލް – އެސިސްޓެންޓް ޑިރެކްޓަރ
5- އަލްފާޟިލް އަޙްމަދު ސަލީމް – އެން.ސީ.އޭ. ގެ އެސިސްޓެންޓް ޑިރެކްޓަރ އެޑްމިނިސްޓްރޭޝަން
6- އަލްފާޟިލާ ޒަހާ އަޙްމަދު – އާކިޓެކްޗަރަލް ޓެކްނީޝަން ޓްރޭނީ
7- އަލްފާޟިލާ މަރިޔަމް އިޔާޒާ – ސެކްރެޓަރީ

މި ދަތުރަކީ ހއ. އުތީމަށާއި، ހއ. ބާރަށަށާއި، ހއ. މުރައިދޫއަށާއި، ހއ. މަތީރަށަށާއި، ހއ. ދިއްދޫއާއި، ހދ. ކުޅުދުއްފުޓަށް ކުރި ދަތުރެކެވެ. މި ދަތުރުގައި ކުރެވުނު މަސައްކަތްތަކަކީ:-

ހއ. އުތީމު ހަނދާނީ މަރުކަޒުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި، އެތަނުގެ މުވައްޒަފުންނާ ބައްދަލުކޮށް މަސައްކަތްތައް ކުރިއަށް ދާގޮތް ބެލިއެވެ. އަދި މި އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށްޓަކައި ހިންގާނެ ޙަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާކުރިއެވެ. މި ދަތުރުގައި އުތީމު ގަނޑުވަރުގެ ނަންބޯޑު ހަރުކުރެވުނެވެ.

ހއ. ބާރަށަށު ކަޅުއޮށްފުންމި ބަން ތަނުގައި ކަޅުއޮށްފުންމީގެ ރެޕްލިކާއެއް ތައްޔާރުކުރުމަށްޓަކައި އެ ސަރަޙައްދު ބަލައި ހެދުނެވެ. އަދި އެ ސަރަޙައްދުގައި ހުރި ވާރުގެ މަރާމާތުކުރުމާއި ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ. އަދި މީގެ އިތުރުން އެ ރަށުގައި ހުރި އާސާރީ ތަންތަން މިހާރު ޙާލަތު ބަލައި އެ ތަންތަނުގައި އެއްވެސް މަރާމާތެއް ކުރަންހުރީތޯ ބައްލައިހެދުނެވެ. އަދި ކަޅުއޮށްފުންމި ބަން ސަރަޙައްދުގައާއި އާސާރީ 2 ވަޅުގައި އެ ތަންތަނާއިބެހޭ މަޢުލޫމާތު ބޯޑު ހަރުކުރުމަށް ނިންމުނެވެ.

ހއ. މުރައިދޫ ދުވަސްވީ މާލޫދު ހަރުގެ ބެލިއެވެ. އެތަންވަނީ ވަނީ ވަރަށް ފަހުން އަލިފާންރޯވެ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ވީމާ އެތަން ކުރީން ހުރިގޮތަށް މަރާމާތުކޮށް ޙިމާޔަތްކުރުމަށްޓަކައި އެތަނުގެ ޕްރޮޖެކްޓް ޕްރޮޕޯސަލެއް ހެދުމަށް ނިންމުނެވެ. އަދި އެތަނުގެ ފޮޓޯއާއި މިންތައް ނަގައި ހެދުނެވެ.

ހއ. މަތީރަށުގައި ހުރި "ޝަރީފް ޢަލީ އަލް މައްކީ" ގެ ޒިޔާރަތް ބެލިއެވެ. އެ ޒިޔާރަތަކީ ވަރަށް ގިނަ ދުވަސްވެފައިވާ އާސާރީކަން ވަރަށް ރީތިކޮށް ދައްކުވައިދޭ ޒިޔާރަތެކެވެ. މި ތަން އެ އަތޮޅުގެ ރިޒޯޓްތަކަށް އަންނަ ޓޫރިސްޓުންނަށް ޒިޔާރަތްކުރެވޭނެ ފެންވަރަށް ހެދުމަށް ވާހަކަދެކެވުނެވެ. އަދި އެތަނުގެ ޕްރޮޖެކްޓް ޕްރޮޕޯސަލެއް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

ހއ. ދިއްދޫއަށް ދިޔައީ މި އަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް އެ ރަށުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާތީ އެކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށެވެ. އެ ރަސްމިއްޔާތަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ވެސް އުތީމުގަނޑުވަރަށް ޒިޔާރަތްކުރެވޭނޭ ގޮތަކަށް ޕްރޮގްރާމް ރާވައިލުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ.

ހދ. ކުޅުދުއްފުށްޓަށް ދަތުރުކުރީ އެން.ސީ.އޭގެ ދަށުން އެތަނުގައި ހުރި ސިނެމާ އަލްފާޟިލް މުޙައްމަދު ޠާރިޤް ބައްލަވައިލެއްވުމަށެވެ. އެތަން ތަރައްޤީ ކުރުމަށް އިތުރަށް ބޭނުންވާނޭ ކަންތައްތައް ބެއްލެވިއެވެ.

އަލްފާޟިލް މުޙައްމަދު ޠާރިޤް ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން