1430 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ހިނގާލުން
(26 ފެބުރުއަރީ 2009)
1430 ރަބީޢުލްއައްވަލް 1 (26 ފެބްރުއަރީ) ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރެވެމުންދާ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް އަދި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ގުޅިގެން އިންތިޒާމްކުރި އެއްބައިވަންތަކަމުގެ ހިނގާލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވައިފިއެވެ. މި ހިނގާލުން މާލޭގައި ފަށައިފައިވަނީ މިއަދު ހަވީރު 4:30 ގައި މާލޭގެ އަމީނީމަގުގެ ހުޅަނގުފަރާތު ކޮޅުންނެވެ. އަދި ހިނގާލުން ނިންމައިފައިވަނީ ދަރުބާރުގޭ ދެކުނުން އޮންނަ އުސްފަސްގަނޑު މައްޗަށެވެ.
ހިނގާލުން ނިންމުމުގެ ގޮތުން އެތާނގައި ބާއްވާފައި އޮތް ފޮތިގަނޑުގައި ހިނގާލުމުގެ ބައިވެރިން ވަނީ ސޮއިކޮށްފައެވެ. މި ހިނގާލުމުގައި، ދިވެހި ރާއްޖޭގެ އަޑާއި ޓީ.ވީ.މޯލްޑިވްސްެ މުވައްޒަފުންގެ އިތުރުން، ފުލުހުންނާއި، ސިފައިންނާއި، މާލޭގެ ސްކޫލްތަކުންނާއި، އެމް.އެން.ޑީ.އެފް.އާއި، އަދި މިނޫންވެސް މިފަދަ ޔުނީފޯމު އެޅި އެކިއެކި އޮފީސްތަކުގެ މުވައްޒަފުން އެމީހުން ލާން ބޭނުންކުރާ ޔުނީފޯމާއެކު ބައިވެރިވިކަން ފާހަގަ ކޮށްލަންޖެހެއެވެ. އަދި މީގެ އިތުރުން އަވައްތަކުގެ މީހުންނާއި، އަމިއްލަ އެކިއެކި ޖަމާޢަތްތަކާއި، ކުންފުނިތަކާއި، ގިނަ ޢަދަދެއްގެ ޢާންމުންނާއި ކުޑަކުދިން މި ހިނގާލުމުގައި ބައިވެރިވެފައިވެއެވެ. މި ހިނގާލުން ރާއްޖޭގެ އެކި އަތޮޅުތަކުގައާއި ރަށްރަށުގައިވެސް މިއަދު ހަވީރު ބޭއްވިފައިވެއެވެ.
1430 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ހއ. އުތީމުގައި ހުރި އާސާރީ ތަންތަން ބަލައިލުމަށާއި، ހއ. ދިއްދޫގައި އޮންނަ ޤައުމީ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންވާ ފަރާތްތަކުން އެސް.އެމް.އެސް ކުރުމަށް ހުޅުވާލި ފުރުޞަތުގައި ޤުރުޢަތުން ހޮވުނު ނަންބަރުތައް
(22 ފެބރުއަރީ 2009)
ހޮވުނު ފަރާތުގެ ނަންބަރުތަކުގެ ލިސްޓު
1430 ވަނަ އަހާރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށްޓަކައި ޤައުމީ މަރުކަޒާއި ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވެސް ގުޅިގެން ހިންގާ ހަރަކާތްތައް (22 ފެބުރުއަރީ 2009)
މި މަހުގެ 26 ވަނަ ދުވަސް ވާ ބުރާސްފަތި ދުވަހަކީ މި އަހަރުގެ ޤައުމީ ދުވަހެވެ. މި ދުވަހު ކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އެއްކަމަކީ އެދުވަހު ހަވީރު 4:00 ގައި ބާއްވާ ޤައުމީ އެއްބައިވަންތަކުމުގެ ހިނގާލުން "ހިނގާދަމާ " އެވެ. މި ހިނގާލުން ފައްޓަން ހަމަޖެހިފައިވަނީ މާލޭ ހުރަސްތޮށިގަނޑު ސަރަޙައްދުން ( ސައިކަލް ލައިސަންސް ނަގަން ދުއްވާ ސަރަޙައްދުން ) ފެށިގެން ދަރުބާރުގޭގެ ފުރަގަހުގައި އޮންނަ އުސްގަނޑާއި ހަމައަށެވެ. މި ހިނގާލުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ހުޅުވައިލެވިފައިވާ ހިނގާލުމެކެވެ. އެގޮތުން މާލޭގައި މި ހިނގާލުން ކުރިއަށް ދާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ޤައުމީ ދުވަހުގެ މުނާސަބަތުގައި އެރަށްތަކުގައި އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. މިހާރުވެސް ވަރަށް ގިނަ ރަށްރަށުން ދަނީ ޤައުމީ ދުވަހުގެ ހަވީރަށް އެކި އެކި ތައްޔާރީތައް ވަމުންނެވެ. ޤައުމީ ދުވަހުގެ މުނާސަބުތުގައި 28 ވަނަ ދުވަހު ކުރަން ހުރި ކަންތައްތަކުގެ ތެރެއިން ހއ. އުތީމުގައި ބަޙުސެއް އޮންނާނެއެވެ. މި ބަޙުސަކީ ޤައުމީ މަރުކަޒުގެ ފަރާތުން އުތީމުގައި ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ބަޙުސެކެވެ. މި ބަޙުސްގައި ވަރަށް ޚާއްޞަ ފަރާތްތައް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޚާއްޞަ ބަހުސް ޓީ.ވީ.އެމް އާއި ދިވެހިރާއްޖޭގެ އަޑުން ވަގުތުން ދުރަށް ފޮނުވާގޮތަށްވަނީ ހަމަޖެހިފައެވެ. އަދި ޤަބޫލު ކުރެވޭ ގޮތުގައި މި ބަޙުސް ވެގެންދާނީ މި ފަހަކަށް މި ގޮތަށް ބޭއްވޭ އެންމެ ފޯރިގަދަ އެއް ބަޙުސް ކަމުގައެވެ. މި ގޮތުން މި އަހަރުގެ ޤައުމީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން އުތީމުގައިވެސް ދަނީ ވަރަށް އަވަދިނެތި މަސައްކަތްތަކެއް ކުރެވެމުންނެވެ. އެ ގޮތުން ރަށުތެރެ ޒީނެތްތެރިކުރުމާއި، ހަދާނީ މަރުކަޒުގައި ކުލަލުން އަދި އުތީމު ގަނޑުވަރަށް ވެލިލުން ފަދަ ކަންތައްތައް ކުރަމުން އެބަގެންދެއެވެ. މި ޤައުމީ ދުވަހަކީ އެންމެ ކުލަގަދަކޮށް ފާހަގަ ކުރެވޭ އެއް ޤައުމީ ދުވަހަށް ވާނެއެވެ.
ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުތީމު ދަތުރުގެ ނަމުގައި ޚާއްޞަ ދަތުރެއް ބާއްވަނީ (18 ފެބުރުއަރީ 2009)
މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުތީމު ދަތުރުގެ ނަމުގައި ޚާއްޞަ ދަތުރެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. މިދަތުރުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ދިހަ މީހަކަށެވެ.
މިދަތުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 16 ފެބްރުއަރީ 2009 ވާ ހޯމަ ދުވަހުގެ މެންދުރު އެއްގަޑި ތިރީހުން 20 ފެބްރުއަރީ 2009 ހުކުރު ދުވަހުގެ ހަގަޑި ސުންމިނެޓާ ހަމައަށް އެސް.އެމް.އެސް. ކުރުމުގެ ފުރުޞަތުވަނީ ހުޅުވައިލެވިފައެވެ. އެސް.އެމް.އެސް. ކުރައްވާނީ ޔޫ.ޑީ. ޖައްސަވާފައި ސްޕޭސްއެއް ދޫކުރައްވާފައި ނަމާއި އެޑްރެސް ޖެއްސެވުމަށްފަހު، ފޮނުއްވާނީ ދިރާގު އަދި ވަތަނިއްޔާ ކަސްމަރުންވެސް ތިނެއް ސުމެއް ސުމަކަށެވެ.
މިމަހުގެ ހަތާވީހުން އަންނަ މަހުގެ އެއްވަނަ ދުވަހާއި ހަމަޔަށް ކުރިއަށްދާ މި ދަތުރުގައި ބައިވެރިވާ ދިހަ ފަރާތަކަށް އުތީމުގައި ހުރި ބޮޑުތަކުރުފާނުގެ ގަނޑުވަރާއި އެރަށުގައި ހުރި އެހެނިހެން އާސާރީ ތާރީޚީ ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.