މާލޭ ކަޅުވަކަރު މިސްކިތް ގިނަދުވަހަށް ދެމިހުންނާނެ ގޮތް ހެދުމަށް ކުރެވުނު މަސައްކަތުގެ ނިމުން ފާހަގަ ކުރުން މިއަދު ބާއްވައިފި - (19 އޭޕްރީލް 2009)
އާސާރީ ތަންތަން ދެމެހެއްޓުމަށްޓަކައި ކުރެއްވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި ބޮޑު ޚަރަދެއް ކުރައްވައިގެން ވިޔަސް މިސްކިތްތައް ގިނަ ދުވަހަށް ހުންނާނެގޮތް ހެދުން އެއީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ ކަޅުވަކަރު މިސްކިތް ގިނަދުވަހަށް ދެމިހުންނާނެ ގޮތަށް އެ މިސްކިތުގެ އާބާތުރަފިލުވުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ކަޅުވަކަރު މިސްކިތަކީ އަލްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު ބިނާކުރެވުނު މިސްކިތެކެވެ. އެ ރަސްގެފާނު ރަސްކަން ކުރައްވާފައިވަނީ މީލާދީން 1779 ން 1799 އަށެވެ. މި މިސްކިތުގެ އާބާތުރަފިލުވުމުގެ ނިމުން ފާހަގަކުރެއްވުމަށް މިއަދު އެ މިސްކިތުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އާސާރީ މުހިންމު ބިނާތައް ހަލާކުވެ ނެތިގެންދަނީ ފަރުވާކުޑަކުރެވިގެންނާއި އަޅާނުލެވިގެން ކަމަށެވެ. ވެރިއަކު އޭނާގެ ވެރިކަމުގައި ނޫން އެހެން ވެރިކަމެއްގައި ބިނާކޮށްފައިވާ ތަނެއް ހުރުމަކީ އޭނާގެ ހައިބަތުކުޑަވެދާނެ ކަމެއް ކަމަށް ހީކޮށް ހަލާކުކޮށްލާފައިވާ ތަންތަންވެސް ރާއްޖޭގައި އެބަހުރިކަމަށް ނަޝީދު ވިދާޅުވިއެވެ. 1995 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ވަރަށް ގިނަ އާސާރީ މިސްކިތްތަކެއް ހުރިކަމަށާއި އެތަންތަން ތަޅާލެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ތާރީޚީ އަދި ސަގާފީ ތަކެތި ރައްކާތެރިކުރެއްވުމަކީ އެމަނިކުފާނު އަމިއްލަފުޅު ގޮތުންވެސް ވަރަށް ކުރައްވަން ބޭނުންފުޅުވާކަމެއް ކަމަށް ވިދާޅުވިއެވެ.
ކަޅުވަކަރު މިސްކިތަކީ މުހިންމު ތަނެއްކަން ބަޔާންކުރައްވަމުން ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމީ ޘަޤާފަތް ފެތުރިގެން އައިއިރު މިބާވަތުގެ މިސްކިތްތައް ބިނާވެގެން ދިޔަކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ކަޅުވަކަރު މިސްކިތުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ތާނަ އަކުރުން މިސްކިތުގައި ލިޔެފައި ހުރިހުރުންކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މި މަރުކަޒު ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ނާއިބު އަލްފާޟިލް މުޙައްމަދު ޠާރިޤުވެސް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މިފަދަ ބިނާތަކާއި މިނޫންވެސް ސަގާފީ ތަރިކަ ޙިމާޔަތްކޮށް ރައްކައުތެރި ކުރުމަށް މި މަރުކަޒުން ކުރަމުން ގެންދާ ކަންތައްތަކުގެ މައްޗަށް ބައްލަވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ.
ކަޅުވަކަރު މިސްކިތުގެ އާބާތުރަފިލުވުމުގެ މަސައްކަތް ފެށިފައިވަނީ 2008 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. ޤައުމީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޠަލާލް ވިދާޅުވީ މި މިސްކިތުގެ އާބާތުރަފިލުވުމަށް ނިންމީ މި މިސްކިތަކީ ވަރަށް ތާރީޚީ މިސްކިތަކަށްވެފައި ތަފާތު ތަންތަނަށް ބަދަލުކުރެވިފައިވާ ބިނާއަކަށް ވާތީއާ ބައެއް ކަހަލަ ގެއްލުން މިސްކިތަށް ލިބިފައިވާތީ ގިނަ ދުވަހަށް އެތަން ދެމިހުންނާނެގޮތް ހެދުމަށްޓަކައި ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ތައްޔާރުކޮށްފައިވާ ކަލްޗަރަލް ފުޓްސްޓެޕްސް ކިޔާ ސީޑީއެއް ރައީސުލްޖުމްހޫރިއްޔާ ނެރެދެއްވިއެވެ. އަދި މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ އިސްބޭފުޅުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބޭފުޅުންނާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.