ބައިނަލް އަޤްވާމީ ތަރިކައިގެ ދުވަސް 2008


މިއަހަރުގެ ބައިނަލްއަޤްވާމީ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ސްކޫލް ކުދިންނަށް ހުކުރު މިސްކިތާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ހިންގޭ ޕްރޮގްރާމް 2008 (30 އެޕްރީލް 2008)

ސްކޫލް ކުދިންނަށް ހުކުރު މިސްކިތާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ހިންގޭ ޕްރޮގްރާމް 2008

މި ޕްރޮގްރާމްއަކީ މި އަހަރު ރާއްޖޭގައި ފާހަގަކުރަން ފެށުނު ބައިނަލް އަޤްވާމީ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ސްކޫލް ކުދިންނަށް ހުކުރު މިސްކިތް ދައްކާލުމަށާއި ހުކުރު މިސްކިތާބެހޭ މަޢުލޫމާތު ދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްއިން އެކުދިންނަށް އަންގައިދޭން ބޭނުންވަނީ ތަރިކައަކީ ކޮބާކަމާއި ތަރިކަ ހިމާޔަތްކޮށް ރައްކައުތެރިކޮށް ބަލަހައްޓައި، އަންނަން އޮތް ޖީލުތަކަށް މިފަދަ ތަންތަން ފޯރުކޮށްދިނުމަކީ ކިހާވަރެއްގެ މުހިއްމު ކަމެއްކަމެވެ.

މި ޕްރޮގްރާމް ކުރިއަށް މިގެންދެވެނީ 20 އޭޕްރީލް 2008 ވަނަ ދުވަހުން ފެށިގެންނެވެ. މަޢުލޫމާތު ދިނުމުގެ ދަންފަޅިތައް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 8:00 ން 11:00 އަށެވެ. އަދި ހަވީރު 4:00 ން 6:00 އަށެވެ. މި ޕްރޮގްރާމް މި ހިންގެނީ މާލޭގެ ހުރިހާ ޕްރައިމެރީ ސްކޫލްތަކެއްގެ ގްރޭޑް 7 ގެ ދަރިވަރުންނަށާއި ސެކަންޑަރީ ސްކޫލްތަކުގެ ގްރޭޑް 8 ގެ ދަރިވަރުންނަށެވެ. މި ގޮތުން ކަލާފާނު ސްކޫލް، ތާޖުއްދީން ސްކޫލް، ޢިމާދުއްދީން ސްކޫލް އަދި ދަރުމަވަންތަ ސްކޫލަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް މިހާރު ވަނީ ނިމިފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ސްކޫލްތަކުން ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލެއްވުން ލިބޭކަން ފާހަގަ ކޮށްލަމެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ތާވަލް ތިރީގައި މިވަނީއެވެ.


ޚަބަރު (24 އެޕްރީލް 2008)

މި އަހަރުގެ ދުނިޔޭގެ ތަރިކައިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ހިންގަމުން ގެންދާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ދެ ފޮތެއް ނެރެފިއެވެ.

އެއީ ޙާޖީ ބަންޑާރައިން އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ސިރީކުލަރަންމަނި މަހާރަދުންގެ އަމުރުފުޅަށް ލިޔެވިފައިވާ ފޮތަކާއި، އެން އެޓިމޮލޮޖިކަލް ޑިކްޝަނަރީ އޮފް މޯލްޑިވިއަން އައިލެންޑް ނޭމްސްގެ ނަމުގައި ނެރެވުނު ފޮތެކެވެ.

ޣިޔާޘުއްދީން ރަދުންގެ ފޮތަކީ އެ ރަދުންގެ ޒަމާނުގައި ބޭނުންކޮށް އުޅުނު ބަސްތަކާއި އެ ބަސްތަކުގެ މާނައާއި އެ ޒަމާނުގެ ބައެއް ޚާއްޞަ ދިވެހި އާދަކާދަތައް ވަރަށް ތަފްޞީލްކޮށް ލިޔުއްވައިފައިވާ ފޮތެކެވެ. އަދި ރަސްމީ ބައެއް ކަންތައްތައް އެ ޒަމާނުގައި ކޮށް އުޅުނު ގޮތް ވެސް މި ފޮތުގައި ލިޔުއްވައިފައިވެއެވެ.

މީލާދީން 18 ވަނަ ޤަރުނުގައި ބޭނުންކޮށް އުޅުނު ދިވެހިބަހާއި، މާލޭގެ އާދަކާދަތަކާއި ކަންތައްތައް ކުރަމުން އައިސްފައިވާ ގޮތުގެ ވަރަށް ރީތި ތަޞްވީރެއް މި ފޮތުން ފެނިވަޑައިގަންނަވާނެއެވެ.

އެން އެޓިމޮލޮޖިކަލް ޑިކްޝަނަރީ އޮފް މޯލްޑިވިއަން އައިލެންޑް ނޭމްސްއަކީ ދިވެހިރާއްޖޭގެ ޖަޒީރާތަކުގެ ނަންތައް އުފެދިފައިވާ ގޮތުގެ މައްޗަށް ކުރެވިފައިވާ ދިރާސާއެކެވެ. މި ގޮތަށް ދިރާސާކުރުމުން އެ ނަންތައް އުފެދިފައިވާ ބަސްތަކާއި އެ ބަސްބަހުން ވާހަކަދައްކާ އުޅުނު މީހުނާއި، އެ ނަންތައް އުފެދުނު ޒަމާނާއި، އެ ދުވަސްވަރުގެ ބައެއް މަޢުލޫމާތު އަދި އެ ޒަމާނުގައި ހިނގައިފައިވާ ބައެއް ކަންތައްތައް އޮޅުންފިލައެވެ. އަދި ރާއްޖޭގެ ރަށްރަށާއި ފަރުތަކާއި ފިނޮޅުތަކަކީ އުފެދި ނެތެމުންދާ ތަންތަން ކަމަށް ވުމާއެކު، އެ ތަންތަނަން ދެވިފައިވާ ނަންނަމުން އެ ޒަމާނުގައި ދިވެހިރާއްޖޭގެ ޤުދުރަތީ މާހައުލު ހުރި ގޮތްވެސް އެނގެއެވެ.

މި ފޮތަކީ މި ރޮނގުން ކުރެވުނު ފުރަތަމަ ދިރާސާއެވެ. މި ފޮތުގެ ހުރިހާ މަސައްކަތެއް ކުރެއްވީ ޑޮކްޓަރ ޕީ ރަގުޕަތީ އާއި މި މަރުކަޒުގެ ޚާއްޞަ މުޝީރު އަލްފާޟިލާ ނަސީމާ މުޙައްމަދެވެ. ޑޮކްޓަރ ރަގުޕަތީއަކީ ދިވެހިރާއްޖޭގެ ތާރީޚާ ބެހޭ ގޮތުން ލިޔުންތަކެއް ލިޔުއްވައި އަދި މީގެ ކުރިންވެސް މި މަރުކަޒާ ގުޅިވަޑައިގެން ދިރާސާ މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުނު މި ދެ ފޮތުގެ ތެރެއިން "ޙާޖީ ބަންޑާރައިން އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން އިސްކަންދަރު ސިރީ ކުލަރަންމަނި މަހާރަދުންގެ ފުރޭފު" މި ފޮތުގެ އަގަކީ -/100ރ. އެވެ. "އެން އެޓިމޮލޮޖިކަލް ޑިކްޝަނަރީ އޮފް މޯލްޑިވިއަން އައިލެންޑް ނޭމްސް" ގެ އަގަކީ -/450ރ. އެވެ. މި ދެ ފޮތް ވެސް ޤައުމީ މަރުކަޒުގެ ފޮތް ފިހާރައިން ގަންނަން ލިބެން ހުންނާނެއެވެ.




2007 ވަނަ އަހަރު ޖުލައިމަހުގެ ތެރޭގައި ބޭއްވި "ރާއްޖޭގެ ތާރީޚާއި ތަރިކައާ ބެހޭ ޤައުމީ ސެމިނާރު" ހުޅުވުމުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް ދެއްވި ތަޤްރީރުގައި، ބައިނަލްއަޤްވާމީ ތަރިކައިގެ ދުވަސް 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް ފާހަގަ ކުރަމުން ގެންދަވާނޭ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަސް ބައިނަލްއަޤްވާމީ ތަރިކައިގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރުމަށްވަނީ ހަމަޖެހިފައެވެ.
މިދުވަހަކީ 1982 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ޓިއުނީސިއާގައި ބޭއްވުނު ICOMOS ގެ މަހާސިންތާއެއްގައި ފާސްކުރެވުނު ޤަރާރަކުން ކަނޑައެޅުނު ދުވަހެކެވެ. އަދި 1983 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވުނު ޔުނެސްކޯގެ 22 ވަނަ ބައްދަލުވުމުގައި މި ޤަރާރު ވަނީ ފާސްކުރެވި ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހަކީ ދުނިޔޭގެ ތަރިކައިގެ ދުވަސް ކަމުގައި ފާހަގަ ކުރުމަށް ނިންމައިފައެވެ. (NP) މިދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިންސާނީ ދަރިފަސްކޮޅުގެ މުހިންމު ރައުސްމާލުކަމުގައި ބެލެވޭ ތަންތަނާއި ސަރަޙައްދުތައް ޙިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުވައިދިނުމުގައި މިކަމުގައި ޙިއްސާވާ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ މިންވަރު ދެނެގަތުމާއި، ތަފާތު ސަގާފަތްތަކާއި މެދު ހޭލުންތެރިކަން އިތުރު ކުރުން ހިމެނެއެވެ. އަދި ދުނިޔޭގެ ތަރިކައިގެ ގޮތުގައި ބެލެވޭ ނުވަތަ ބެލެވިދާނެ ތަންތަނުގެ ނާޒުކު ކަމާމެދު ވިސްނާ ފިކުރުކުރުންވެސް މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި އަހަރުގެ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ޝިޢާރަކީ " ދީނީ ތަރިކަ އަދި މުޤައްދަސް ތަންތަން " މިއެވެ. މިގޮތުން ބަލާއިރު ރާއްޖޭގެ ސަގާފީ ތަރިކައިގެ ވަރަށް ބޮޑު ބައެއް ހިމެނިފައިވަނީ ދީނީ ތަރިކައިގެ ތެރޭގައެވެ. މިސްކިތްތަކާއި، މުންނާރުތަކާއި، ޤަބުރުސްތާނު ފަދަ ތަންތަނުގެ އިތުރަށް ޒިޔާރަތްތަކާއި މައުލޫދުހަރުގެ ފަދަ ތަންތަނަކީ މިގޮތަށް ފާހަގަ ކުރެވޭ ބިނާތަކެވެ.
މިއަހަރުގެ ތަރިކައިގެ ދުވަސް ރާއްޖޭގައި ޚާއްޞަކުރުމަށް ހަމަޖެހިފައިވަނީ މާލޭ ހުކުރު މިސްކިތަށް އަހަންމިއްޔަތު ދީގެންނެވެ. ހުކުރު މިސްކިތަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކުރެވޭފަދަ ތަރިއަކަށް ވެފައި، ރާއްޖޭގައި ހުރި ދީނީ ތަރިކައިގެ ތެރެއިން އެންމެ ޚާއްޞަ ދަރަޖައެއްދެވޭ ބިނާއެވެ. ދީނީ ތަރިކައަކަށް ވުމުގެ އިތުރަށް ދިވެހީންގެ މަސައްކަތްތެރިކަމާއި ފަންނުވެރިކަން ހާމަކޮށްދޭ އެންމެ ތާރީޚީ ބިނާވެސްމެއެވެ.
މިދުވަސް ފާހަގަ ކުރުމުގެ ޙަރަކާތްތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވޭނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ދުވަހާއި ބެހޭ މަޢުލޫމާތު ފޯރުވައިދިނުމަށެވެ. މިގޮތުން މިމަރުކަޒުން ކުރުމަށް ޤަސްދުކޮށްފައިވާ ކަންތައްތައް ތިރީގައި ދަންނަވާލައިފައި އެވަނީއެވެ.
1. ދުވަހާ ގުޅޭ ގޮތުން ދުވަހުނޫސްތަކުގައި ޚާއްޞަ ސަޕްލިމެންޓެއް ޝާއިޢު ކުރުމާއި ދުވަހާއި ގުޅޭ ލުއިފޮތެއް ތައްޔާރުކުރުން.
2. ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުން ދުވަހާ ގުޅޭ ޚާއްޞަ ޕްރޮގްރާމްތަކެއް ފޮނުވުން. ( އޭގެ ތެރޭގައި، ސްކޫލް ކުދިންނާއި ޢާންމުންނަށް އަމާޒުކުރެވޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޕްރޮގްރާމް ހިމެނޭނެއެވެ.)
3. ޤައުމީ މަރުކަޒުން ތައްޔާރުކުރާ އައު 3 ފޮތެއް ނެރުން. ( އެއީ – 2007 ޖުލައިގައި ބޭއްވި ތާރީޚާއި ތަރިކައާބެހޭ ޤައުމީ ސެމިނާރުގެ ފޮތާއި ޣިޔާޘުއްދީން ރަދުންގެ ޒަމާނުގައި ލިޔެވިފައިވާ ފޮތަކާއި، ރާއްޖޭގެ ރަށްތަކުގެ ނަންތަކާއި ބެހޭގޮތުން ކުރެވިފައިވާ އެޓިމޮލޮޖިކަލް ރިސާޗެއްގެ ފޮތެކެވެ. ފަހުން މިދެންނެވި ފޮތް ލިޔެފައިވަނީ އިނގިރޭސި ބަހުންނެވެ. )
4. ސްކޫލް ކުދިންނަށް ހުކުރުމިސްކިތަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ދިނުމާއެކު މިސްކިތާބެހޭ މަޢުލޫމާތު ދިނުން.
5. ރާއްޖޭގައި ދީނީ ތަރިކަ ކަމަށް ބެލެވޭ ތަންތަނުގެ ( މިސްކިތްތަކާގުޅޭ ) ފޮޓޯ މަޢުރަޒެއް ބޭއްވުން.