ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތް - 2008
ޚަބަރު - 11 މެއި 2008
ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް 2008 ގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ މި މަހުގެ 8 ވީ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވިއްޖެއެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަލްފާޟިލާ ޒާހިޔާ ޒަރީރެވެ.
މި ޖަލްސާގައި މަރުހަބާދެންނެވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ޔުމްނާ މައުމޫނެވެ. ފަނޑިޔާރުންގެ ފަރާތުން ވާހަކަފުޅު ދައްކަވާފައި ވަނީ އަލްފާޟިލް ޙުސައިން ޢާލިމް ޝަކޫރެވެ. މީގެ އިތުރުން މި ޖަލްސާގައި މުބާރާތުގެ ބައިވެރިއަކާއި، ދިވެހި ދައުލަތުގެ ވަޒީރު އޮނަރަބަލް އަލްފާޟިލް ޢައްބާސް އިބްރާހީމާއި ޝަރަފުވެރި މެހެމާނުވެސް ވާހަކަފުޅުދެއްކެވިއެވެ.
މި ޖަލްސާގައި ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުންދެއްވީ އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބާއި، ދައުލަތުގެ ސީނިއަރ މިނިސްޓަރ އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި، ޖަލްސާގެ ޝަރަފުވެރި މެހެމާނެވެ.
ވާހަކދެއްކުމުގެ ޤައުމީ މުބާރާތުގެ މަޤްޞަދަކީ ދިވެހި އަދަބިއްޔާތަށާއި ދިވެހިބަހުން ވާހަކަދެއްކުމުގެ މައްޗަށް ޝައުޤުވެރިކުރުވުމާއެކު ވާހަކަދެއްކުމުގެ މައިދާނުގައި ކުޅަދާނަ ދިވެހި ދަރިންތަކެއް އުފެއްދުމެވެ.
މި މުބާރާތަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބޭއްވޭ މުބާރާތެކެވެ. މި މުބާރާތް ހުޅުވައިލެވިފައުވަނީ މުޅި ރާއްޖޭގެ އިސްކޫލުތަކަށާއި އަމިއްލަ ފަރާތްތަކަށެވެ. މިފަހަރުގެ މުބާރާތުގައި ވާހަކަދައްކައިފައިވަނީ ކުއްލި މައުޟޫއަށެވެ.
ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް 2008ގެ ނަތީޖާ
ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް 2008 ފެށިގެން ކުރިއަށް ދަނީ..... (23 އޭޕްރިލް 2008)
ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ފެށިގެން ކުރިއަށް އެބަދެއެވެ. މި އަހަރުގެ މުބާރާތް ބާއްވަމުން ގެންދަނީ ޒުވާނުންގެ މަރުކަޒުގެ ސެމިނާރ ރޫމުގައެވެ. މި މުބާރާތުގެ ވާހަކަދެއްކުން ކުރިއަށް ދަނީ ދެ ދަންފަޅިއަކަށް ބަހައިލައިގެންނެވެ. އެއީ ހަވީރާއި ރޭގަނޑެވެ. ހަވީރުގެ ދަންފަޅި ފެށޭނީ 4:15 ގައެވެ. ރޭގަނޑުގެ ދަންފަޅިފެށޭނީ 8:30 ގައެވެ. މިއަދާ ހަމައަށް މި މުބާރާތުގައި 30 ދަރިވަރުން ވަނީ ވާހަކަދައްކާފައެވެ. އެއީ 13 އަހަރުންދަށުގެ އުމުރުފުރާގައި 12 ދަރިވަރަކާއި 13 އަހަރާއި 16 އަހަރާދެމެދުގެ އުމުރުފުރާގެ 6 ދަރިވަރަކާއި 16 އަހަރާއި 21 އަހަރާދެމެދުގެ އުމުރުފުރާގެ 12 ދަރިވަރެކެވެ. މި މުބާރާތުގައި މިހާރު 16 އަހަރާއި 21 އަހަރާދެމެދުގެ ދަރިވަރުންގެ ވާހަކަދެއްކުން ވަނީ ނިމިފައެވެ. މި މުބާރާތުގެ ވާހަކަދެއްކުން މިއަދާއި މިރޭވެސް ކުރިއަށް ދާނެއެވެ. މިއަދު ހަވީރު ފެށޭ ދަންފަޅީގައި ވާހަކަދައްކާނީ 13 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންނެވެ. އަދި މިރޭގެ ދަންފަޅީގައި ވާހަކަދައްކާނީ 13 އަހަރާއި 16 އަހަރާދެމެދުގެ އުމުރުފުރާގެ ދަރިވަރުންނެވެ. މާދަމާ ހަވީރު އޮންނާނީ މި މުބާރާތުގެ އެންމެ ފަހު ދަރިވަރުންގެ ވާހަކަދެއްކުމެވެ.
ޚަބަރު - 20 އޭޕްރިލް 2008
ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޭޕްރީލް 21 ވާ ހޯމަދުވަހުގެ ރޭ 8:30 ގައި ޒުވާނުންގެ މަރުކަޒުގެ ސެމިނާރ ރޫމުގައި އޮންނާނެއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަލްފާޟިލާ ޒާހިޔާ ޒަރީރެވެ.އިސްކޫލުތަކަށާއި އަމިއްލަ ފަރާތްތަކަށް ހުޅުވައިލެވިގެން ބާއްވާ މި މުބާރާތުގައި އިސްކޫލުތަކުން ބައިވެރިވުމަށް ހަމަޖެހިފައިވަނީ ތިން އުމުރުފުރާއަކުން، ކޮންމެ އުމުރުފުރާއަކުން 3 ދަރިވަރުން ވާހަކަދައްކާ ގޮތަށެވެ. ދަރިވަރުން ބައިވެރިވާ އުމުރުފުރާތަކަކީ 13 އަހަރުންދަށާއި، 13 އަހަރާއި 16 އަހަރާދެމެދާއި 16 އަހަރާއި 21 އަހަރާދެމެދެވެ.
13 އަހަރުން ދަށުގެބައިގައި 10 އިސްކޫލަކުން 49 ދަރިވަރުން ބައިވެރިވެ 30 ދަރިވަރަކު ވާހަކަ ދައްކާނެއެވެ.
13 އަހަރާ 16 އަހަރާ ދެމެދުގެ ބައިގައި 8 އިސްކޫލަކުން 38 ދަރިވަރުން ބައިވެރިވެ 24 ދަރިވަރަކު ވާހަކަދައްކާނެއެވެ.
16 އަހަރާ 21 އަހަރާއި ދެމެދުގެ ބައިގައި 4 އިސްކޫލަކުން 20 ދަރިވަރަކު ބައިވެރިވެ 12 ދަރިވަރަކު ވާހަކަދައްކާނެއެވެ.
މިއަހަރުގެ މުބާރާތް ކުރިއަށްގެންދެވޭނީ ދެ ދަންފަޅިއަކަށް ބަހާލެވިގެންނެވެ. އެއީ ހަވީރާއި ރޭގަނޑެވެ. ހަވީރުގެ ދަންފަޅި ފެށުމަށް ހަމަޖެހިފައިވަނީ 4:15 ގައެވެ. އަދި ރޭގަނޑުގެ ދަންފަޅި ފެށޭނީ 8:30 ގައެވެ.
މި މުބާރާތުގެ މަޤްޞަދަކީ ދިވެހި އަދަބިއްޔާތަށާއި ދިވެހިބަހުން ވާހަކަދެއްކުމުގެ މައްޗަށް ޝައުޤުވެރިކުރުވުމާއެކު ވާހަކަދެއްކުމުގެ މައިދާނުގައި ކުޅަދާނަ ދިވެހި ދަރިންތަކެއް އުފެއްދުމެވެ.
މި މުބާރާތަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު މުޅި ރާއްޖޭގެ އިސްކޫލުތަކަށާއި އަމިއްލަ ފަރާތްތަކަށާއި އަދަބީ ޖަމްޢިއްޔާތަކަށް ހުޅުވާލެވިގެން ބާއްވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ ކުއްލި މައުޟޫއަށެވެ.
މުބާރާތް ހިނގަމުންދާނެ ގޮތް
އިޢްލާން
ޤަވާޢިދު - އިސްކޫލުތަކުގެ ބައި
މަޢުޟޫއުތައް - 13 އަހަރުންދަށުގެ ޢުމުރުފުރާ
މަޢުޟޫއުތައް - 13 އަހަރާ 16 އަހަރާ ދެމެދުގެ ޢުމުރުފުރާ
މަޢުޟޫއުތައް - 16 އަހަރާ 21 އަހަރާ ދެމެދުގެ ޢުމުރުފުރާ
ބައިވެރިވާން އެދޭފޯމު - އިސްކޫލުތަކުގެ ބައި
ޤަވާޢިދު - އަމިއްލަ ފަރާތްތަކުގެ ބައި
މަޢުޟޫއުތައް - އަމިއްލަ ފަރާތްތަކަށް
ބައިވެރިވާން އެދޭފޯމު - އަމިއްލަ ފަރާތްތަކުގެ ބައި