ސާފް ޗެމްޕިޔަން ޝިޕް ފުޓުބޯޅަ މުބާރާތުގައި ދިވެހި ޤައުމީ ޓީމު ރަންމެޑެލް ހޯދުމާއިގުޅިގެން މި މަރުކަޒުގެ ފަރާތުން މަރުޙަބާ ކިޔައި ތަހުނިޔާ ރައްދުކޮށްފި.


ސާފް ޗެންޕިއަން ޝިޕް ފުޓުބޯޅަ މުބާރާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޓީމު ރަންމެޑެލް ހޯދުމާއި ގުޅިގެން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ހުރިހައި މުވައްޒަފުންގެ ނަމުގައި ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަށާއި، ކޯޗަށާއި، އޮފިޝަލުންނަށް މަރުޙަބާކިޔައި ތަހުނިޔާ ރައްދުކޮށްފިއެވެ.

ޤައުމީ މަރުކަޒުގެ ފަރާތުން މަރުޙަބާ ކިޔައި ތަހުނިޔާ ރައްދުކުރީ ޓެލެވިޜަން މޯލްޑިވްސް މެދުވެރިކޮށް ދިވެހި ފުޓުބޯޅަ ޓީމަށް ފޮނުވި ތަހުނިޔާގެ މެސެޖުގައެވެ. އެ މެސެޖު ތިރީގައި އެވަނީއެވެ.

ސާކް ސަރަޙައްދުގެ އެންމެބޮޑު ފުޓުބޯޅަ މުބާރާތުގައި ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަޓީމު ހޯދި ކާމިޔާބީއަށްޓަކައި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ހުރިހާ މުވައްޒަފުންގެ ފަރާތުން، ދިވެހި ގައުމީ ފުޓުބޯޅަޓީމަށާއި، ކޯޗަށާއި، އޮފިޝަލުންނަށް މަރުޙަބާ ދަންނަވަމެވެ.

އަދި މިމުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމާއި، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމުވެސް ދިވެހިޓީމުގެ ދެކުޅުންތެރިއަކު ހޯދިކަމަށްޓަކައި އެދެކުޅުންތެރީންނަށާއި، ޓީމުގެ އެހެން ހުރިހާ ކުޅުންތެރީންނަށާއި ކޯޗަށް ތަހުނިޔާ ރައްދުކުރަމެވެ.

ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަޓީމު ތިޔަހޯދި ފަޚުރުވެރި ކާމިޔާބީއަކީ ޝައްކެއްވެސް ނެތްގޮތުގައި، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އަދި މިހާތަނަށް ހޯދައިފައި ނެތްފަދަ މަތިވެރިކާމިޔާބީއެކެވެ. ދިވެހި ފުޓުބޯޅަޓީމު ޤައުމަށް ތިޔަ ހޯދައިދިން ކާމިޔާބީގެ ސަބަބުން މުޅި ޤައުމުގައިވަނީ ޤައުމީ ލޯބީގެ މަތިވެރި ރޫޙެއް އުފެދިފައެވެ. އެއްބައި ވަންތަކަމުގެ ގުޅުމެއް ޤާއިމުވެގެންގޮސްފައެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ ކުރިއަށް އޮތްތާނގައިވެސް ﷲގެ ރަޙުމަތް ފުޅާއެކު ހުރިހާ ދަނޑެއްގައިވެސް ރާއްޖެއަށް މަތިވެރި ކާމިޔާބީތައް މިންވަރު ކުރެއްވުމެވެ.