ޤައުމީދުވަސް - 1429 (ކަވަރޭޖު)
(9 މާޗު 2008 – 1500 ހ.އ. އުތީމު)
މިއަދުގެ ރަސްމިޔާތުގެ ޝަރަފުވެރި މެހުމާނު އޮނަރަބަލް އަލްފާޟިލު އަޙްމަދު ޒާހިރު މިއަދު މެންދުރު 1415ގައި އުތީމަށް ވަޑައިގަންނަވައިފިއެވެ. ހަނިމާދޫއިން މަރުޙަބާ ދެންނެވީ ހ.އ. އަތޮޅު އަތޮޅުވެރިޔާ އަލްފާޟިލު މުޙައްމަދު ރަޝީދެވެ. އުތީމުން މަރުޙަބާ ދެންނެވީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް އޮނަރަބަލް އަލްފާޟިލް ޢައްބާސް އިބުރާހީމާއި އުތީމުގައި ތިއްބެވި އެ އޮފީހުގެ އިސްވެރިންނާއި އުތީމުގެ ވެރިންނާއި އަތޮޅުތަކުން ވަޑައިގެން ތިއްބެވި އެކި ޢިއްޒައްތެރިންނެވެ. މަރުޙަބާ ދެންނެވުމުގެ ގޮތުން އުތީމު އަންހެނުންގެ ކޮމިޓީން އިންތިޒާމު ކޮށްގެން އުތީމުގެ ޒުވާން އަންހެންކުދިންގެ ނެށުމެއް ބޭއްވުނެވެ. އަދި ރަށުގެ ޒުވާން ފިރިހެންކުދިންގެ ކުރުފަލީގެ ޙަރަކާތެއް ބޭއްވުނެވެ.
(9 މާޗު 2008 – 1100 ހ.އ. އުތީމު)
މިއަދު ހެނދުނު 9:30 ގައި މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އަތޮޅުގެ ރަށްރަށުން ދަޢްވަތު ދެއްވައިގެން އެކިއެކި ބޭފުޅުން ވަޑައިގަންނަވައިފިއެވެ. މި ގަޑީގައި އެ ވަޑައިގެންނެވި އެކިއެކި ބޭފުޅުންނަށް މަރުޙަބާ ދެންނެވީ އުތީމުގެ ވެރިންނާއި އުތީމުގެ ރައްޔިތުންނެވެ.
އަދި މިއަދު ހެނދުނު 10 ޖެހިއިރު އުތީމު އަންހެނުންގެ ކޮމިޓީގެ ފަރާތުން ހެދި ބުޓީކު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނެވެ. މި ބުޓީކު "ފުނަމާ" ގެ ނަމުގައި ހުޅުއްވައި ދެއްވީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޚާއްޞަ މުޝީރު އަލްފާޟިލާ ނަސީމާ މުޙައްމަދެވެ. އެކަމަނާ ފުނަމާ ހުޅުއްވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އުތީމުގެ އަންހެނުންގެ ކޮމިޓީއަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އަންހެނުންގެ ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ ކޮމިޓީއެއް ކަމަށާއި އަދި އޭރުއްސުރެ މެދު ކެނޑުމެއްނެތި ވަރަށް ހީވާގި ކަމާއެކު ހަރަކާތްތެރި ވަމުންދާ ކޮމިޓީއެއް ކަމަށެވެ. އަދި ވިދާޅުވީ ފުނަމާ ވަރަށް ކާމިޔާބު ތަނަކަށް ވާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށެވެ.
ފުނަމާ ހުޅުވުމާއެކު ފާހަގަ ކުރެވުނީ ރަސްމިޔާތަށް ވަޑައިގެން ތިއްބެވި އެކިއެކި ޢިއްޒަތްތެރިން ފުނަމާއަށް ވެދެވަޑައިގެންނެވި ކަމާއި ނިކުމެވަޑައިގެންނެވި އިރު، ދިވެހި މާހެފުންތަކުގައި ހަފާލާކަހަލަ ޒާތްޒާތުގެ ހިކި ކާއެއްޗެހި ފަރީއްކުޅުއްވަމުން ނިކުމެވަޑައިގެންނެވި ކަމެވެ. އަދި އެންމެ ފަހުން ވެދެވަޑައިގަންނަވަން ތިއްބެވި ބައެއް ފަރާތްތަކަށް ބޭނުންފުޅުވި ބައެއް ބައިތައް ލިބިވަޑައިނުގެންނެވި ކަމެވެ. ނަމަވެސް އަންހެނުންގެ ކޮމިޓީން ހާމަ ކުރައްވަނީ ވަރަށް ހިއްވަރާއެކު މަދުވަމުންދާ ބާވަތްތައް އިތުރު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
(9 މާޗު 2008 – 0830 ހ.އ. އުތީމު)
ރޭ 8:30 ގައި އުތީމު ގަނޑުވަރުގެ އަށިގޭގައި ދުޢާ ކިއުން އޮތެވެ. މިއީ ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ރޭ އުތީމު ގަނޑުވަރުގެ އަށިގޭގައި އާދަކާދައިގެ މަތިން ބާއްވަމުން އަންނަ ކަމެކެވެ.
މިއަދު ހެނދުނު އުތީމު އޮފީހުގައި ދިވެހި ދިދަ ނެގުމުގެ ރަސްމިއްޔާތެއް އޮތެވެ. މި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް އަލްފާޟިލް ޢައްބާސް އިބުރާހީމެވެ. ދިދަ ނަންގަވައިދެއްވުމަށް އެދިވަޑައިގެން ވިދާޅުވީ އުތީމު ކަތީބު އަލްފާޟިލު އިބުރާހީމް ޢަލީއެވެ. ދިދަ ނެގުމަށްފަހު ޤައުމީ ސަލާމް ކިއުން އޮތެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު އުތީމު ގަނޑުވަރުގެ އަށިގޭގައި ޝުކުރުގެ ޞަލަވާތް ކިއުން އޮތެވެ.
(8 މާޗު 2008)
ޤައުމީ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރި ވެވަޑައިގަތުމަށްޓަކައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް އަލްފާޟިލް ޢައްބާސް އިބްރާހީމާއި، ށ. އަތޮޅު އަތޮޅުވެރިޔާ އަލްފާޟިލް އަޙްމަދު ޤާސިމް، މިއަދު ހެނދުނުގެ ވަގުތެއްގައި ހއ. އުތީމަށް ވަޑައިގަންނަވައިފިއެވެ.
ރަށުތެރެއަށް ނަޒަރު ހިންގާލާއިރު ރަށް ފެންނަނީ ވަރަށްބޮޑަށް ޒީނަތްތެރިކުރެވި، ރަށަށް ވަޑައިގަންނަވާ މެޙެމާނުންނަށް ވަރަށް ހޫނު މަރްޙަބާއެއް ދަންނަވަން ތައްޔާރަށް އޮތް ގޮތުގައެވެ.
ޤައުމީ ދުވަހުގެ ޙަރަކާތްތަކުގެ ތެރޭގައި އުތީމުގެ އަންހެނުންގެ ކޮމިޓީގެ ފަރާތުން ކެފޭއެއް ހުޅުވުމުގެ ކަންތައްވެސް ކުރިއަށްދާކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.
(7 މާޗު 2008)
ޤައުމީ ދުވަހު އުތީމުގައި ބާއްވާ ޚާއްޞަ ޖަލްސާއާއި އިޙްތިފާލުތަކާ ގުޅޭގޮތުން، ޤައުމީ މަރުކަޒުން ވަޑައިގެންނެވި ދެވަނަ ޓީމާއި ޓީ.ވީ.އެމް. އާއި ދިވެހިރާއްޖޭގެ އަޑުގެ ބޭފުޅުންނާއި ރަސްމިއްޔާތުގެ އެކިއެކި ކަންތަކަށް ލައިޓިންގ ހައްދަވާ ބޭފުޅުންގެ ޓީމުތައް، ރޭގެ ފްލައިޓުންނާއި މިއަދު ހެނދުނުގެ ފްލައިޓުން އުތީމަށް ވަޑައިގެންފިއެވެ. ޤައުމީ ދުވަހު އުތީމުގައި ބާއްވާ ޕުރޮގުރާމުގައި ހިމެނޭ އައިޓަމްތަކާއި އިސްޓޭޖު ތަމްސީލުގެ ފަރިތަކުރުންތައް މިއަދާއި މިރޭވެސް ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި އޮތެވެ.
(4 މާޗު 2008)
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒް ގުޅިވަޑައިގެން އުތީމުގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ދުވަހުގެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން ތަފާތު އެކިއެކި މަސައްކަތްތައް ވަރަށް ޖޯޝާއި ފޯރިއާއިއެކު ހިނގަމުން އެބަދެއެވެ. މިގޮތުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ރަށުތެރެ ޒީނަތްތެރިކުރުމާއި ޖަލްސާގެ އިންތިޒާމްތައް ހަމަޖެއްސުމާއި އަދި ޚާއްޞަގޮތެއްގައި ކުޅިވަރު ފަރިތަކުރުމުގެ މަސައްކަތް ހިމެނެއެވެ.
ކުޅިވަރު ފަރިތަކުރައްވަމުން ގެންދަވަނީ އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުންނާ އުތީމު މަދަރުސާއާއި އަދި އުތީމު ޒުވާން ފިރިހެންކުދިންގެ ފަރާތުންނެވެ. މީގެ އިތުރުން މިއަހަރުގެ ޤައުމީ ދުވަހު އުތީމު ބަންޑާރައިންގެ ވާހަކައިގެ މައްޗަށް ބިނާކުރައްވާ ތަމްސީލެއްވެސް ހުށަހަޅުއްވައިދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިތަމްސީލް ހުށަހަޅުއްވައި ދެއްވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ މުވައްޒަފުންނާއި އުތީމު ޒުވާނުންނާއި އަދި އުތީމު މަދަރުސާކުދިންގެ ފަރާތުންނެވެ. މިތަމްސީލަށް ތައްޔާރުވުމުގެ ގޮތުން މިހާރު ގެންދަވަނީ މިކަމަށް ފަރިތަކުރަމުންނެވެ. ޤައުމީދުވަސް ފާހަގަކުރުމަށްޓަކައި މިހިންގާ އެކިއެކި ޙަރަކާތް ތަކުގައި އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އުތީމު މަދަރުސާއާއި އަދި އުތީމު ޒުވާނުންނާއި އާންމުކޮށް މުޅި އުތީމުގެ އެންމެހާ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރުޙީބެއް ލިބެމުންދެއެވެ. މިއެންމެހާ ފަރާތްތަކުންވެސް މިމަސައްކަތްތަކުގައި ޙަރަކާތްތެރި ވެވަޑައިގަންނަވަމުން ގެންދަވަނީ ޤައުމީ ރޫޙާއިއެކު، އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކުގައެވެ.
ޤައުމީދުވަހާ ގުޅިގެން ބާއްވާ ޖަލްސާއަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒާއި މިނިސްޓްރީ އޮފް ހޯމްއެފައާޒުން ވަޑައިގަންނަވާ ބޭފުޅުންގެ އިތުރަށް އަތޮޅުގެ ކޮންމެ ރަށަކުން ވެރިއަކާއި ރަށްކުރިއަރުވާ ކޮމިޓީއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކަށް އަދި ކޮންމެ ރަށަކުންވެސް ސްކޫލުގެ ދެދަރިވަރަކަށް ވަނީ ދަޢުވަތު އެރުވިފައެވެ. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 09 މާރޗް 2008 ވާ އާދީއްތަ ދުވަހުގެ ހަވީރު 4:15 ގައި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ދުވަހުގެ މުނާސަބަތުގައި އޮންނަ ކުޅިވަރުތައް އޮންނާނީ ރޭގަނޑު 9.00 ގައެވެ.