ޤައުމީ އައު ދާރުލްއާސާރު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފެށިއްޖެ


ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ޤައުމީ އާ ދާރުލްއާސާރުގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފެށިއްޖެއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި ޢަމަލީ ގޮތުން މި މަސައްކަތް ފަށްޓަވައިދެއްވީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އަލްފާޟިލް ޢައްބާސް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވަމުން، ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއަދު މި ބިނާކުރަން ފެށޭ އާ ދާރުލްއާސާރުގެ ޢިމާރާތަކީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރެވޭ ޢިމާރާތެއް ކަމަށާއި، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން ވަރަށް ރަނގަޅަށް ރަމްޒުކޮށްދޭ ކަމެއް ކަމުގައި ވިދާޅުވިއެވެ. ހަމަ އެހެންމެ މި ބިނާއަކީ ދެ ޤައުމުގެ ރައްޔިތުންމެ ޒަމާނަށް ދެމިހުންނަނިވި ހަނދާނަކަށް ވެގެންދާނޭ ތަނެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޤައުމީ ދާރުލްއާސާރުގެ އާ ޢިމާރާތް އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ޗައިނާގެ ކީލޫ ކޮންސްޓްރަކްޝަން ކޯޕަރޭޝަންގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަދި މި ޕްރޮޖެކްޓްގެ މެނޭޖަރ މިސްޓަރ ޔެންގ ވެން ޕިންގ ވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅުދެއްކެވިއެވެ. އޭނާގެ ވާހަކަފުޅުގައި، މި ޕްރޮޖެކްޓަށްޓަކައި ދިވެހި ސަރުކާރާއި ޤައުމީ މަރުކަޒުގެ ފަރާތުން ލިބެމުންދިޔަ އެއްބާރުލުން ފާހަގަކުރައްވައި ދިވެހި ސަރުކާރަށާއި ޤައުމީ މަރުކަޒަށް ޝުކުރު އަދާކުރެއްވިއެވެ.

ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ފެށުނީ ޢިމާރާތްކުރާ ތަން ކޮނުމުގެ މަސައްކަތެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޤައުމީ ދާރުލްއާސާރުގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ 12 ނޮވެމްބަރު 2007 ގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ.