ލިޔުންތެރިންގެ ދުވަސް (8 ޖުލައި 2008)
މިއަދަކީ މިއަހަރުގެ ލިޔުންތެރީންގެ ދުވަހެވެ. ލިޔުންތެރީންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 8 ވަނަ ދުވަހެވެ. ޖުލައި މަހުގެ 8 ވަނަ ދުވަހަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޗާޕުކޮށްގެން ނެރެވުނު މަޖައްލާ އަލްއިސްލާޙުގެ ފުރަތަމަ އަދަދު ނުކުތް ދުވަހެވެ. އަލްއިސްލާޙުގެ ފުރަތަމަ އަދަދު ނުކުތީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. ރާއްޖޭގައި ލިޔުންތެރީން ދުވަސް ފާހަގަ ކުރަން ފެށީ 1993 ވަނަ އަހަރުން ފެށިގެންނެވެ. ލިޔުންތެރީންގެ ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ ލިޔުންތެރީންގެ އަގުވަޒަން ކުރުމާއި ލިޔުންތެރީންނަށް ހިތްވަރުދީ ރާއްޖޭގެ ލިޔުންތެރިކަން ކުރިއަށް ގެންދިއުމެވެ. ލިޔުންތެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ދުވަސް ފާހަގަކުރަން ފެށީއްސުރެ ކޮންމެ އަހަރަކުވެސް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ތަފާތު ހަރަކާތްތައް ހިންގަމުން ގެންދެއެވެ.
މިއަހަރުގެ ލިޔުންތެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވެސް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ދުވަހާއި ގުޅުވައިގެން ދުވަހު ނޫސްތަކުގައި ޖުލައި 8 ވަނަ ދުވަހު ސަޕްލިމެންޓެއް ޝާއިޢުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިދުވަހާ ގުޅުވައިގެން ލިޔުންތެރީންގެ ފޮތް މައުރަޒެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މައުރަޒު އޮންނާނީ އޯގަސްޓު 5 - 9 އަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.