National Centre for Linguistic and Historical Research

ޅެންވެރިންގެ ދުވަސް 2008 - ( ޏ. ފުވައްމުލައް )

2008 ވަނަ އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޏ. އަތޮޅާއި މި މަރުކަޒާ ގުޅިގެން ދުވަހާ ގުޅޭ ޚާއްޞަ ޙަރަކާތްތަކެއް ފުވައްމުލަކުގައި 2008 ޖެނުއަރީ 17 ން 19 ށް ބޭއްވުނެވެ. މި ޙަފްލާއަށް ފުވައްމުކަށް ވަޑައިގެންނެވި މެޙްމާނުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔުމުގެ ގޮތުން ބަނދަރުމަތީގައި ޚާއްޞަ ޙަރަކާތްތަކެއް 17 ވަނަ ދުވަހު ބޭއްވުނެވެ.

މި ޙަފްލާއަށް ދަޢުވަތު އަރުވައިގެން މާލެއިން 7 ޅެންވެރިއަކާއި އައްޑޫއަތޮޅުގެ 10 ޅެންވެރިއެއްގެ އިތުރުން ސަރުކާރުގެ ތަފާތު ދާއިރާތަކުގެ ބައެއް ބޭފުޅުންނާއި ޤައުމީ މަރުކަޒުގެ ބައެއް ވެރީންނާއި މުވައްޒަފުން ފުވައްމުލަކަށް ވަޑައިގަތެވެ.

މި ދުވަހާ ގުޅިގެން ބޭއްވި ޚާއްޞަ ޙަފްލާ އޮތީ 18 ވަނަ ދުވަހުގެ ރޭ 21:00 ގައި ފުވައްމުލަކު އިސްކޫލު ހޯލުގައެވެ. މި ޙަފްލާގައި ދަޢުވަތު އަރުވައިގެން އެރަށަށް ވަޑައިގެންނެވި ބޭފުޅުންގެ އިތުރުން ޤައުމީ މަރުކަޒުގެ ވެރީންނާއި ފުވައްމުލަކުގެ އަތޮޅުވެރިޔާ އާއި އެ ރަށު އޮފީސްތަކުގެ މުވައްޒަފުންނާއި އައްޑުއަތޮޅުގެ އަތޮޅުވެރިޔާގެ ބަދަލު އާއި އެ އަތޮޅުގެ އޮފީސްތަކުގެ އިސްވެރީންނާއި ފުވައްމުލަކުގެ އިސްކޫލުތަކުގެ ދަރިވަރުން ބައިވެރިވިއެވެ. މި ޙަފްލާގެ ޝަރަފުވެރި މެޙްމާނަކީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން އޮނަރަބްލް ޑޮކްޓަރ މަޙްމޫދު ޝަޢުޤީ އެވެ.

މި ޙަފްލާ ތަޢާރަފްކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ޤައުމީމަރުކަޒުގެ ޚާއްޞަ މުޝީރު އަލްފާޟިލް ޢަބްދުﷲ ޞާދިޤެވެ. މީގެ އިތުރުން ޤައުމީ މަރުކަޒުގެ ރައީސާއި ފުވައްމުލަކުގެ އަތޮޅުވެރިޔާ އާއި ޝަރަފްވެރިމެޙްމާނުގެ ވާހަކަފުޅުދެއްކެވުން އޮތެވެ. މި ޙަފްލާގައި " އާކުރި " ނަމުގައި ޤައުމީ މަރުކަޒުން އެކުލަވައިލާފައިވާ ޅެންފޮތެއް ޝަރަފުވެރި މެހްމާނު ނެރެދެއްވިއެވެ.

މީގެ އިތުރުން ފުވައްމުލަކު ޅެންވެރިއެއްގެ ވާހަކަދެއްކުމާއި އެ އަތޮޅުގެ ޅެންވެރިންގެ މައްޗަށް ބަލާލައި ތައްޔާރުކޮށްފައިވާ ވީޑިއޯ ކްލިޕެއް ދެއްކުނެވެ. މި ޙަފްލާގައި އަތޮޅުގެ ފަރާތުން ޅެންކިޔުމާއި މަދަޙަކިޔުން ފަދަ މުނިފޫހިފިލުވުމުގެ ޙަރަކާތްތަކެއްވެސް ހުށަހަޅައި ދިނެވެ. މީގެއިތުރުން ދަޢުވަތު އަރުވައިގެން އައްޑުއަތޮޅުންނާއި މާލެއިން ވަޑައިގެންނެވި ޅެންވެރީންގެ ޙަރަކާތްތަކެއްވެސް ފެނިގެން ދިޔައެވެ.

ޅެންވެރިންގެ ދުވަސް 2008 ގެ ތެރެއިން - ޏ. ފުވައްމުލައް