National Centre for Linguistic and Historical Research

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް - 2008

2000 ވަނަ އަހަރުން ފެށިގެން ޔުނެސްކޯގެ ފަރާތުން ގެންދަނީ 21 ފެބްރުއަރީ އަކީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންނެވެ. 21 ފެބްރުއަރީ މިފަދަ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަން ނިންމީ 1999 ވަނަ އަހަރު ނޮވެންބަރު މަހުގައި ބޭއްވުނު ޔުނެސްކޯގެ އާންމު ބައްދަލުވުމަކުންނެވެ. 21 ފެބްރުއަރީ، މިފަދަ ދުވަހެއްގެ ގޮތުގައި، ދުނިޔޭގެ ފެންވަރުގައި، ފާހަގަކުރަން ހުށަހެޅީ ބަންގްލަދޭޝްގެ ފަރާތުންނެވެ. މި ގޮތަށް ބަންގްލަދޭޝްގެ ފަރާތުން ހުށަހެޅީ 21 ފެބްރުއަރީ އަކީ 1953 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގައި " ބަހަށްޓަކައި ޝަހީދުވި ޝަހީދުންގެ ދުވަސް" ގެ ގޮތުގައި ފާހަގަކުރަމުން އައިސްފައިވާ ދުވަހެއްކަމަށް ވާތީއެވެ.

ބައިނަލްއަޤްވާމީ ފެންވަރެއްގައި މާދަރީބަހުގެ ދުވަހެއް ފާހަގަ ކުރުމުގެ މަޤްޞަދަކީ ކޮންމެ ބައެއްގެ މާދަރީބަހަކީވެސް އަގުހުރި ތަރިކައެއްކަން މީހުންނަށް އަންގައިދީ އެބައެއްގެ މާދަރީބަސް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ހިތްވަރުދީ އެކަމަށް މީހުން ޙަރަކާތްތެރިކުރުވުމެވެ.

މިއަހަރުގެ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޙަރަކާތްތަކެއް ހިންގުމަށްވަނީ ކަނޑައަޅާފައެވެ. މި ޙަރާކާތްތަކުގެ ތެރޭގައި ދުވަހާއި ގުޅުވައިގެން ދުވަހު ނޫސް ހަވީރު، އާފަތިސް އަދި މިއަދު ނޫހުގައި ފެބްރުއަރީ 21 ވަނަ ދުވަހު ސަޕްލިމެންޓެއް ޝާއިޢުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިދުވަހާ ގުޅުވައިގެން ކުޑަކުދީންގެ ފޮތްލިޔުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން އޮންނާނީ ފެބްރުއަރީ 21 - 23 އަށް ކުލުނުވެހީގެ ސެމިނަރ ރޫމުގައެވެ. މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު އޮންނާނީ ފެބްރުއަރީ 21 ވަނަ ދުވަހުގެ ހަވީރު 4:30 ގައެވެ.