ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތް – 2008

ކުރުވާހަކަ ލިޔުމުގެ 25 ވަނަ ޤައުމީ މުބާރާތުގެ ވާހަކަ ލިޔުން ވަނީ މާޗު 1 ވީ ހޮނިހިރު ދުވަހު ހެނދުނު މާލޭ އިންގްލިޝް ސްކޫލު ހޯލުގައި 9:00 އިން 11:30 އަށް ބާއްވާފައެވެ. ކުރުވާހަކަ ލިޔުމުގެ މުބާރާތް ބާއްވަން ފަށާފައިވަނީ 1986 ވަނަ އަހަރުގައެވެ. މިއީ، މި ގޮތުން ބޭއްވުނު 25 ވަނަ ޤައުމީ މުބާރާތެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ މުބާރާތުގައި ކުރުވާހަކަ ލިޔުމަށް ހަމަޖެހިފައިވަނީ މަރުކަޒުން ފެށުންތަކަކާއި ހާލަތްތަކެއް ބައިވެރީންނަށް ދީގެން އެ ބައިވެރިޔަކު އިޚްތިޔާރުކުރާ ހާލަތަކަށް ނުވަތަ ފެށުމަކަށެވެ. މި ފެށުންތަކާއި ހާލަތްތައް ބައިވެރީންނަށް ލިބުނީ މުބާރާތް ބޭއްވި ހޯލުން ވަގުތުންނެވެ.

މި މުބާރާތުގައި 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާގައި 9 އިސްކޫލަކުން 45 ދަރިވަރުން ބައިވެރިވިއެވެ. ވާހަކަ ލިޔުމަށް ހާޒިރުވެފައިވަނީ 41 ދަރިވަރުންނެވެ. 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގައި 6 އިސްކޫލަކުން 30 ދަރިވަރުން ބައިވެރިވީއިރު ވާހަކަ ލިޔުމަށް ހާޒިރުވެފައިވަނީ 28 ދަރިވަރުންނެވެ. އޭގެ އިތުރަށް އަމިއްލަގޮތުން 16 ފަރާތަކުން ބައިވެރިވެ ވާހަކަ ލިޔުމަށް ހާޒިރުވެފައިވަނީ 10 ފަރާތެވެ.

މި އަހަރުގެ މުބާރާތުގައި އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ އިސްކޫލު ދަރިވަރުންނަށް އެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ. މި ގޮތުން މި ބައިގައި އިސްކޫލުގެ 5 ދަރިވަރަކު ބައިވެރިވެ ވާހަކަ ލިޔަން 3 ދަރިވަރުން ހާޒިރުވެފައިވެއެވެ.

ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތަކީ ދިވެހި އަދަބިއްޔާތަށާއި ދިވެހިބަހުން ވާހަކަ ލިޔުމުގެ މައްޗަށް މީހުން ޝައުޤުވެރިކުރުވުމަށާއި، އެ ރޮނގުން ރަނގަޅު ލިޔުންތެރީންތަކެއް އުފެއްދުމަށާއި، ދިވެހިބަހުން ލިޔެފައިވާ ފެންވަރު ރަނގަޅު ވާހަކަތަކެއް ދިވެހި ދަރިންނަށް ލިބިދިނުމުގެ މަޤްޞަދުގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ކޮންމެ އަހަރަކު އެއްފަހަރު އިސްކޫލުތަކަށާއި އަމިއްލަ ފަރާތްތަކަށް ހުޅުވައިލައިގެން ބާއްވާ މުބާރާތެކެވެ.

ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގެ ތެރެއިން