ކުޑަކުދީންގެ ފޮތްލިޔުމާބެހޭ މަސައްކަތު ބައްދަލުވުން 2008

މިއަހަރުގެ މާދަރީ ބަހުގެ ދުވަހާއި ގުޅުވައިގެން ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެ ހިންގި ކުޑަކުދީންގެ ފޮތްލިޔުމާ ބެހޭ ބައްދަލުވުން ނިމިއްޖެއެވެ. މި ބައްދަލުވުމުގައި ބައިވެރިވީ 25 ފަރާތަކަރުންނެވެ.

މި މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތު އޮތީ 2008 ފެބުރުއަރީ 21 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 4:30 ގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ކަރިކިޔުލަމް ޑިވެލޮޕަރ ކޯޑިނޭޓަރ އަލްފާޟިލާ ނާހިދު ޝާކިރެވެ. މި މަސައްކަތު ބައްދަލުވުން ތަޢާރަފު ކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނަރަލް އަލްފާޟިލާ ޔުމްނާ މައުމޫނެވެ. ދެން ވާހަކަދެއްކެވީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް އަލްފާޟިލް އައްބާސް އިބްރާހީމާއި ޝަރަފުވެރި މެހެމާން އަލްފާޟިލާ ނާހިދު ޝާކިރެވެ. ޤައުމީ މަރުކަޒުގެ ރައީސްގެ ވާހަކަފުޅުގައި ފުރާވަރުގެ ކުދިން ކިޔާނެ ރަނގަޅު ވާހަކަފޮތްތަކެއް އުފެއްދުމަށް ޚިޔާލު ހުށަހެޅުއްވިއެވެ. ޝަރަފުވެރި މެހެމާންގެ ވާހަކަފުޅުގައި ދިވެހިބަހުން ކުޑަކުދިން ކިޔާނެފޮތް ލިޔުމުގެ މުހިންމުކަމާއި އެހެން ބަސްބަހުން ލިޔެފައި ހުންނަ ފޮތްތަކާ އަޅާބަލާއިރު ދިވެހިބަހުން ކުޑަކުދީން ކިޔާނެ ފޮތް މަދުކަމަށް ފާހަގަ ކުރެއްވިއެވެ.

މިމަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވި ބޭފުޅުންނާއި އެބޭފުޅުން މަޢުލޫމާތު ދެއްވި ބައިތައް

އަލްފާޟިލާ ޔުމްނާ މައުމޫން:

  • ކުޑަކުދިންނަށް ފޮތް ކިޔައިދިނުމާއި ކުޑަކުދީން ފޮތް ކިޔުމުގެ މުހިންމުކަން
  • ފޮތުން ރަނގަޅު ސިފަތައް ދަސްކޮށްދިނުން
އަލްފާޟިލް އަޙްމަދު ޝަކީބް:
  • ކުޑަކުދީންގެ ވާހަކަލިޔުމުގައި ވިސްނަންވީ ކަންތައްތައް
  • ކުޑަކުދީންގެ ފޮތުގެ ފެންވަރު ބެލުމުގައި ބަލާ ކަންތައްތައް
އަލްފާޟިލާ ޢަމަތުﷲ ޝަކީބް:
  • 5 އަހަރުން ދަށުގެ ކުދީންނަށް ފޮތް ތައްޔާރުކުރުން
އަލްފާޟިލް އިސްމާޢީލް ޝުޖާޢު / އަލްފާޟިލް އަޙްމަދު ނަޢީމް:
  • ކުޑަކުދީންގެ ފޮތުގެ ކުރެހުމާއި ލޭއައުޓު
އަލްފާޟިލް އިސްމާޢީލް ޙަބީބް:
  • ކުޑަކުދިންގެ ފޮތް އެކުދީންގެ މާހައުލާ ގުޅުން
އަލްފާޟިލް އާދަމް ނަސީރު އިބްރާހީމް:
  • ކުޑަކުދީންގެ ފޮތާއި ވަޒަންބަ ހުރުވަ

މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދެވުނީ ބައިވެރިން 5 ގުރޫޕަކަށް ބަހާލައިގެންނެވެ. މި ބައްދަލުވުމުގައި ގްރޫޕު މަސައްކަތުގެ ގޮތުގައި ކޮންމެ ގުރޫޕަކުން ކުޑަކުދިންގެ ފޮތެއް ތައްޔާރުކޮށް ހުށަހެޅުންވެސް އޮތެވެ. މި ބައްދަލުވުން ނިމުމަށްފަހު ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުން އޮތެވެ. ހަނދާނީ ލިޔުންތައް ބައްސަވާދެއްވީ ޤައުމީ މަރުކަޒުގެ ޚާއްޞަ މުޝީރު އަލްފާޟިލް ޢަބްދުﷲ ޞާދިޤެވެ.

މި ބައްދަލުވުން ނިމިގެން ދިޔައިރު ބައިވެރީންގެ ފަރާތުން ވާހަކަދެއްވި އަލްފާޟިލް ޙުސައިން މުޙައްމަދު ޙަނީފް ވިދާޅުވިގޮތުގައި މި ބައްދަލުވުމުން ވަރަށް ގިނަ މަޢުލޫމާތު ބައިވެރީންނަށް ލިބިގެން ދިޔައެވެ.

ކުޑަކުދީންގެ ފޮތްލިޔުމާބެހޭ މަސައްކަތު ބައްދަލުވުން ގެ2008 ތެރެއިން