ކަޅުވަކަރު މިސްކިތުގެ އާބާތުރަ ފިލުވައި ގިނަ ދުވަހަށް ދެމިހުންނާނެ ގޮތް ހެދުން
(2008 ޖޫން 2)


މާލޭގައި ހުރި ދުވަސްވީ ބިނާ ތަކުގެ ތެރެއިން އެއް ބިނާ ކަމަށް ވާ، ކަޅުވަކަރު މިސްކިތުގެ އާބާތުރަ ފިލުވައި ގިނަ ދުވަހަށް ދެމިހުންނާނެ ގޮތް ހެދުމުގެ މަސައްކަތް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2008 ޖޫން 2 ވީ ހޯމަ ދުވަހު ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ގެ މުވައްޒިފުންނެވެ. ސަލްޓަންޕާކުގެ އިރުދެކުނު ކަންމަތީގައި ހުންނަ މި މިސްކިތަކުގައި ނަމާދުކުރުން މީގެ ދުވަސްކޮޅެއް ކުރިން ވަނީ މަރާމާތަށްޓަކައި މެދުކަނޑާލެވިފައެވެ. މިސްކިތުގެ ފޮޓޯ ޑޮކިއުމެންޓޭޝަންގެ މަސައްކަތް ނިމި އާބާތުރަ ފިލުވައި ގިނަ ދުވަހަށް ދެމިހުންނާނެ ގޮތް ހެދުމުގެ އަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ. މަސައްކަތް މުޅިން ނިމޭނެ ކަމަށް ބެލެވެނީ ތިން މަހެއްހާ ދުވަހުގެ ތެރޭގައެވެ.

ސައިންޓިފިކް އުޞޫލްތަކާއި އެއް ގޮތް ވާ ގޮތުގެ މަތިން އާބާތުރަ ފިލުވައި ގިނަ ދުވަހަށް ދެމިހުންނާނެ ގޮތް ހެދުނު ފުރަތަމަ މިސްކިތަކީ މާލޭ ހުކުރު މިސްކިތެވެ. އެއީ 1987 އާއި 1988 ވަނަ އަހަރުގެ ތެރޭގައެވެ.

2001 ވަނަ އަހަރު އަރިއަތޮޅު ފެންފުށީ ކުރީގެ ހުކުރު މިސްކިތް ވެސް ވަނީ ގިނަ ދުވަހަށް ދެމިހުންނާނެ ގޮތް ހެދިފައެވެ. 2004 ވަނަ އަހަރު ދަރުމަވަންތަ މިސްކިތް އަދި 2006 ވަނަ އަހަރު ޢީދު މިސްކިތުގެ އާބާތުރަފިލުވައި ޒަމާނަށް ދެމިހުންނާނެ ގޮތުގެ މަސައްކަތް ވަނީ ކުރެވިފައެވެ. ކަޅުވަކަރު މިސްކިތަކީ މި ގޮތަށް މަސައްކަތް ކުރެވޭ ރާއްޖޭގެ ފަސް ވަނަ މިސްކިތެވެ.

އަޅުގަނޑުމެން މިއަދު މި ދެކޭ ކަޅުވަކަރު މިސްކިތް އިހަށް ހުރީ މަޖީދީމަގާއި ކަރަންކާމަގާއި އިންވީ ހުޅަނގު އުތުރު ކަންމަތީގައެވެ. މި މިސްކިތް އުވާލެވުނީ 8 އޯގަސްޓް 1978 ގައެވެ. މި މިސްކިތް 1 އޮކްޓޯބަރ 1978 ގައި ސަރުކާރުން ނީލަން ކިޔުމުން، މިސްކިތް ނެންގެވީ ފުރަނަ ޓުއަރިސްޓް ރިސޯޓަށެވެ. ކަޅުވަކަރު މިސްކިތަކީ އާސާރީ ތަނެއް ކަމުގައި ވުމާއެކު ސަަރުކާރުން އެ މިސްކިތް ބޭނުންފުޅުވާތީ، އެ ރިސޯޓުން އެ މިސްކިތް ދިވެހި ސަރުކާރަށް ހަދިޔާ ކުރެއްވިއެވެ. މިކަން ހިނގީ 22 ފެބްރުއަރީ 1979 ގައެވެ. މި މިސްކިތް މިހާރު މިހުރީ، އިހު ހުރި ގޮތަށް އަލުން ރާވައި ބެހެއްޓިފައެވެ.

މި މިސްކިތަކީ އައްސުލްޠާން ޙަސަން ނޫރުއްދީން އިސްކަންދަރު ކައްރިތި ބޮވަނަ މަހާރަދުންގެ ދިހަވަނަ އަހަރު ބިނާކުރެއްވި މިސްކިތެކެވެ. މި ރަދުން ރަސްކަން ކުރެއްވީ 1779މ. އިން 1799 އަށެވެ.