ލިޔުންތެރިންގެ ފޮތް މައުރަޒު 2008
ޚަބަރު - 19 އޯގަސްޓް 2008
މިއަހަރުގެ ލިޔުންތެރީންގެ ދުވަހާ ގުޅުވައިގެން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން މި އޯގަސްޓު މަހުގެ 9 ން 13ށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވުނު ފޮތް މައުރަޒު ނިމިއްޖެއެވެ. މި މައުރަޒަށް ޢާންމުންނާއި އިސްކޫލުތަކުގެ ދަރިވަރުން ޒިޔާރަތްކުރިއެވެ. މި އަހަރުގެ މައުރަޒުގައި ޖުމްލަ 21 ފަރާތަކުން 1000 ވުރެގިނަފޮތްވަނީ ބައިވެރިކޮށްފައެވެ.
ލިޔުންތެރީންގެ ފޮތް މައުރަޒުގައި މިއަހަރުވެސް ކުޑަކުދީންނަށް ޚާއްޞަ ކުރެވިގެން "ކުޑަކުދީންގެ އަށި" ގެ ނަމުގައި އަށްޓެއް ތައްޔާރު ކުރެވުނެވެ. އަދި މި އަށްޓަށް ވަރަށްބޮޑު ތަރުހީބެއްވަނީ ލިބިފައެވެ. މި އަހަރުގެ ކުޑަކުދީންގެ އަށީގައި ޙާއްޞަ ކަމެއްގެ ގޮތުގައި ކުޑަކުދީންގެ ދިވެހި ވާހަކަ ތަކުގައި އުޅޭ ބައެއް ޝަޚްސިއްޔަތުތައްވެސް ހަރަކާތްތެރިވިއެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މައުރަޒުގައި ލިޔުންތެރިންނާ ބައްދަލުކޮށްލައި ވާހަކަދައްކަވާލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތުވެސް ހުޅުވާލެވުނެވެ. މި ބަޔަށްވެސް ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.
މިފަހަރުގެ ފޮތް މައުރަޒަށް ގާތްގަނޑަކަށް 6000 އެއްހާ މީހުންވަނީ ޒިޔާރަތްކޮއްފައެވެ.