މާލޭ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިއްޖެ



ރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އެއް ބިނާ ކަމުގައިވާ މާލޭ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓް (ޓެންޓެޓިވް ލިސްޓް) ގައި ހިމެނިއްޖެއެވެ. މިކަން ހާމަކުރެއްވީ 2008 މެއި 1 ވަނަ ދުވަހު ދަރުބާރުގޭގެ 25 ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހިބަހާއި ތާރީކަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް އޮނަރަބަލް އަލްފާޟިލް ޢައްބާސް އިބްރާހީމްއެވެ. މިކަމަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން މީގެ 20 އަހަރު ކުރިން (1987 ވަނަ އަހަރު) ފަށާފައިވާ މުހިންމު މަސައްކަތްތަކެއްގެ ސަބަބުން ޙާޞިލްވި ލަނޑުދަނޑިއެކެވެ. ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި މާލޭ ހުކުރު މިސްކިތް ހިމެނުމުން ދުނިޔޭގެ ތަރިކައިގެ ލިސްޓްގައި ހުކުރު މިސްކިތް ހިމެނުމަށް ވަރަށްބޮޑު ފުރުޞަތެއް ލިބިގެންދާނެއެވެ. އަދި މިވަގުތީ ލިސްޓުގައި ހުކުރު މިސްކިތް ހިމެނުމުގެ މާނައަކީ ހުކުރު މިސްކިތަކީ ދުނިޔޭގެ ފެންވަރުގައި ޤަބޫލުކުރެވޭ ސިފަތަކެއް ލިބިގެންވާ، ބައިނަލް އަޤްވާމީ މުހިންމުކަން ޙިއްޞާކުރާ ތަނެއްކަމެވެ. މިއީ ރާއްޖޭގެ ބިނާއެއް ހުކުރު މިސްކިތާބެހޭ ގޮތުން ތަފާތު ދުވަސްވަރު ކުރެވިފައިވާ ދިރާސާތަކާއި ލިޔެވިފައިވާ ފޮތްތަކަކީ މިއަދު މި ލިސްޓުގައި ހުކުރު މިސްކިތް ހިމެނިގެންދިއުމުގެ އެންމެ ޚާއްޞަ އެއް ސަބަބެވެ.

ކުރިއަށް އޮތް ތަނުގައި މާލޭ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ޤައުމީ މަރުކަޒުން ގެންދަނީ ކުރަމުންނެވެ.