ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޓީމެއް ފެންފުއްޓަށް ޒިޔާރަތްކޮށްފި – 11 މެއި 2008



ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޓީމެއް މިއަދު އދ.ފެންފުއްޓަށް ޒިޔާރަތް ކޮށްފިއެވެ. ޓީމުގެ މި ދަތުރުގައި އެ ރަށުގައި ހުރި އާސާރީ ތާރީޚީ ތަންތަން ބަލައި ކަމާބެހޭ ގޮތުން އެރަށުގެ އެކި ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާ ކުރެވުނެވެ.

ފެންފުއްޓަށް ދިޔަ މި ޓީމުގައި އިސްބޭފުޅެއްގެ ގޮތުން ހުންނެވީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ދައުލަތުގެ މިނިސްޓަރ އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނު އެ ރަށުގެ އެކިފަރާތްތަކާއި ބައްދަލުކުރެއްވިއެވެ. މިގޮތުން އެރަށު "ޒުވާނުންގެ ދިރުން" ޖަމްޢިއްޔާގެ ރައީސް، އަލްފާޟިލް ޝާހިދު ޢަބްދުއްރަޙީމާއި، ފެންފުށީގެ އިސްފަރާތްތަކާ ބައްދަލުކުރެއްވިއެވެ. އަލްފާޟިލް ޝާހިދު ޢަބްދުއްރަޙީމުގެ ވާހަކަފުޅުގައި ފެންފުށީގައި ވަރަށް ގިނަ ޢަދަދަކަށް އަސާރީ ތަކެތި ގޭގެއިން ފެނިފައިވާ ވާހަކަ ވިދާޅުވިއެވެ. އެ ބޭފުޅުން ބޭނުންފުޅުވަނީ މި ތަކެތި ރައްކާތެރިކަމާއެކު ބަހައްޓާނެ އާސާރީ މަރުކަޒެއް ހެދުމަށެވެ. މިގޮތަށް ޚިޔާލުކުރެއްވީ މިފަދަ ދުވަސްވީ ތަކެތި ގެއްލިގެން ދިޔަނުދިނުމާއި އެ ތަކެތި ސަރުކާރަށް އަދި އެހެން ތަނަކަށްވެސް ވިއްކުމުގެ ވަކި ޚާއްޞަ ޤަވާޢިދެއް ހެދިފައި ނުވާތީ ކަމަށް ވެސް އެބޭފުޅުން ވިދާޅުވިއެވެ.

ފެންފުށީ ހުކުރު މިސްކިތް ބެލުމަށް ޤައުމީ މަރުކަޒުން ދިޔަ ޓީމާއެކު ފެންފުށީ ކަތީބާއި އެ ރަށު އޮފީހުގެ ބޭފުޅުންވެސް މިސްކިތަށް ވަޑައިގެންނެވިއެވެ. މި ދަތުރުގައި މިސްކިތަށް ލިބިފައިވާ ގެއްލުންތައް ބަލަައި އެ ތަންތަން ވަނީ ޤައުމީ މަރުކަޒުން ދިޔަ ޓީމުން ފޮޓޯ ނަގައި ޑޮކިއުމެންޓް ކޮށްފައެވެ. މިސްކިތު ބޭރުގައި އޮންނަ ޤަބުރުސްތާނު ބަލަހައްޓަމުންގެންދާ ގޮތްވެސް އޮޅުންފިލުއްވިއެވެ. ހަމައެހެންމެ މިސްކިތް ކައިރީގައި އޮންނަ ވެޔޮ ބައްލަވައި، މިހާރު އެތަން ބެލެހެއްޓުުމުގައި ދިމާވާ ދަތިތައް ވެސް އޮޅުންފިލުއްވެވިއެވެ.

ޤައުމީ މަރުކަޒުގެ މި ދަތުރުގައި ޓީމުގެ ބޭފުޅުން ފެންފުށީ އާސާރީ ކުޑަ މިސްކިތަށްވެސް ޒިޔާރަތްކުރެއްވައި އެތަނުގެ ޙާލަތު ބައްލަވައިލެއްވިއެވެ. އަދި އެ ރަށުގެ ގޭގޭގައި ހުރި ދުވަސްވީ ތަކެތި ވަނީ ޤައުމީ މަރުކަޒުގެ ޓީމުން ބަލާފައެވެ. އަދި އެ ތަކެއްޗާއި ބެހޭ މަޢުލޫމާތު ޤައުމީ މަރުކަޒަށް ފޮނުވުމަށް ޓީމުގެ ބޭފުޅުން އެދިވަޑައިގަތެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމާއި ޓީމުގެ ބޭފުޅުން ވަނީ މެއި 11 ވަނަ ދުވަހު މާލެ ވަޑައިގެންފައެވެ.