ސ. މަރަދޫ ބޮނޑޮގެ ޢިމާރާތުގައި ދާރުލްއާސާރު ބިނާކުރުމުގެ މަސައްކަތް ކުރިއަށްދަނީ



ސ. މަރަދޫގައި ހުންނަ ބޮނޑޮގެ ކިޔާ ޢިމާރާތުގައި ދާރުލްއާސާރެއް ހެދުމުގެ މަސައްކަތްތަކުގެ ތެރެއިން އެތާނގެ ޢިމާރާތުގެ ސްޓްރަކްޗަރ ރީއިންފޯސް ކުރުމުގެ މަސައްކަތް ކުރަންވެގެން އިންޖިނޭރަކަށް އެތަން ދެއްކުމުގެ ގޮތުންނާއި އަދި އެތަނުގެ ޢިމާރާތް ދާރުލްއާސާރެއްގެ ގޮތުގައި ބޭނުންކުރުމުގައި ކުރެވިދާނެ ކަންތައްތައް ބެލުމުގެ ގޮތުން ޤައުމީ މަރުކަޒުގެ ޓީމެއް އެތަން ބައްލަވައިފިއެވެ.

ސްޓްރަކްޗަރަލް އިންޖިނިއަރ ބޮނޑޮގެ ބަލާ އެތަނާއި ބެހޭ ރިޕޯޓެއް ދެ ހަފްތާތެރޭ ތައްޔާރުކޮށްދޭނެ ވާހަކަ އެތަން ބެއްލެވި އިންޖިނޭރު ވަނީ ވިދާޅުވެފައެވެ. މިރިޕޯޓް ތައްޔާރުކޮށް ނިމުމުން މި ޢިމާރާތުގައި ކުރަން ހުރި މަސައްކަތް އެނގޭނެއެވެ. އެހެންކަމުން ރިޕޯޓް ނިމުމާއެކު މިތަނުގެ މަސައްކަތް ފެއްޓޭނެކަމަށް ބެލެވެއެވެ.

މީގެ އިތުރުން މި ދަތުރުގައި މި ދާރުލްއާސާރުގައި ބެހެއްޓުމަށް ބައެއް ފޮޓޯ ފަދަ ތަކެތި ހުރިތޯވެސްވަނީ ބެލިފައެވެ. އަދި ރަށުއޮފީހާ ވާހަކަ ދައްކައިގެން ރަށުގައި އުޅޭ ދުވަސްވީ މީހުންނާއި، އެދުވަސްވަރުގެ މަޢުލޫމާތު ކިޔާދެވިދާނެ މީހުންގެ ލިސްޓެއް ހޯދުމުގެ މަސައްކަތްވެސް ވަނީ ފެށިފައެވެ.