ދައުލަތުގެ މިނިސްޓަރ އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމް ތުރުކީ ވިލާތުގެ އިސްތަންބޯލްއަށް ފުރާވަޑައިގެންފިއެވެ.



މި މެއިމަހުގެ 16 އިން 17ށް ތުރުކީ ވިލާތުގެ އިސްތަންބޯލްގައި ބޭއްވޭ "މެމޯރިއަލް ޑޭ ފޮރ މެސަކާރސް ކޮމިޓެޑް އަގެއިންސްޓް މުސްލިމް ކޮމިއުނިޓީސް" ގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ހިންގެވުމާއި ޙާވާލުވެ ވަޑައިގެން ހުންނެވި ދައުލަތުގެ މިނިސްޓަރ އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމް ތުރުކީ ވިލާތުގެ އިސްތަންބޯލްއަށް ވަޑައިގަތުމަށް މިއަދު މާލޭން ފުރާވަޑައިގެންފިއެވެ.

މިޖަލްސާއަކީ އިސެސްކޯ އާއި އިސްލާމިކް ކޮންފަރެންސް ޔޫތު ފޯރަމް ފޮރ ޑައިލޮގް އެންޑް ކޯޕަރޭޝަން (މިއީ އޯ.އައި.ސީއާއި ގުޅިފައިވާ ބައިނަލްއަގްވާމީ އިންސްޓިޓިއުޝަނެއް) ގުޅިގެން ބާއްވާ ޖަލްސާއެކެވެ. މި ޖަލްސާގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވަނީ އޯ.އައި.ސީގެ ޤައުމުތަކުގައި ޤައުމީ ފެންވަރެއްގައި މިކަހަލަ ދުވަހެއް ފާހަގަކުރުމަށް ގޮވާލުމާއި، 20 ވަނަ ޤަރުނުގައި މުސްލިމުންނަށް ލިބިފައިވާ އަނިޔާތަކާއި ބެހޭ ގޮތުން ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ނުރަސްމީ ތަޢުލީމުގެ ތެރެއިން ކަމާބެހޭ ޤައުމީ ޕްރޮގްރާމްތަކެއް އުފެއްދުމާއި، މިފަދަ ދުވަހެއް ގެނައުމަށްފަހު އެންމެން އެކީ ދުވަހާއި ގުޅޭ ޚާއްޞަ ދުޢާއެއް ކުރުމަށް ބާރުއަޅާ މަޝްވަރާ ކުރެވޭނެއެވެ. މީގެ އިތުރުންވެސް އޯ.އައި.ސީ ޤައުމުތަކުގެ ޤައުމީ ދާރުލްއާސާރުތަކުގައި މުސްލިމުންނަށް ކުރެވިފައިވާ އަނިޔާތައް ދައްކުވައިދޭ މަޢުރަޒެއް ބޭވުމާއިބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި އެދުވަސް ފާހަގަކުރުމުގެ ގޮތުން ޒުވާނުންގެ މެދުގައި ބޭއްވޭ މަޒުމޫނު ލިޔުމާއި ޅެންހެދުމާއި ކުރެހުމުގެ ދައްކާލުމެއް ބޭއްވުމާއި ބެހޭ ގޮތުން ވެސް މި ޖަލްސާގައި ވާހަކަދެކެވޭނެއެވެ.

މިނިސްޓަރ ޢައްބާސް އިބްރާހީމްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ އަލްފާޟިލް ޝުޖާޢު ޙުސައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.